އެސްޓީއޯއިން ހުޅުމާލޭގައި ހަދަންފަށާ ހުއްޓިފައިހުރި ހޮޓާ އިމާރާތުގައި މީޑިއާ ވިލެޖު ތަރައްގީ ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ރޭ އޮތް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ، ރައީސްގެ މެނިފެސްޓޯގައި ހިމެނޭ މީޑިއާ ވިލެޖު ގާއިމު ކުރާނެގޮތް މިހާރު ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާކަމަށެވެ. އެގޮތުން މިހާރު ނިންމާފައިވަނީ އެސްޓީއޯއިން ހުޅުމާލޭގައި ތަރައްގީކުރަން ފަށައި މަސައްކަތް ހުއްޓިފައިހުރި ހޮޓާ އިމާރާތުގައި މީޑިއާތަކަށް ވަސީލަތްތަކާއިއެކު މީޑިއާ ވިލެޖު ގާއިމުކުރަން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ތަން މިހާރު ވަނީ ސަރުކާރަށް ނަގާފައި ކަމަށާއި އެ ތަނުގެ ބައެއް ފްލޯތައް ހާއްސަ ކުރެވެނީ މީޑިއާ ވިލެޖް ގާއިމް ކުރަން ކަމަށެވެ. އަދި ހަމަޖެހޭ އުސޫލެއްގެ ދަށުން ކޮންމެ މީޑިއާއަކަށް ވެސް ވަރަށް ކުޑަ އަގެއްގައި އެތަނުގައި އޮފީސް ހިންގުމަށް ޖާގަ ދޫކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ފެންވަރު ރަނގަޅު އެކި ފެންވަރުގެ ސްޓޫޑިއޯތައް އެ ތަނުގައި ތަރައްގީ ކުރެވޭނެ ކަމަށާއި ޓީވީ ސްޓޭޝަންތަކަށް ބޭނުންވާ ޕްރޮޑަކްޝަން ޖާގަ އާއި ވަސީލަތްތައް ވެސް ފޯރުކޮށްދެއްވާނެކަމަށެވެ.

"މީޑިއާތަކަށް ދުވަހަކު ވެސް ނުލިބޭހާ ރަނުގެ ފުރުސަތުތައް އެ ތަނުން ހަމަޖައްސައިދޭނަން." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން