ފޮޓޯ: ދިޔަރެސް
ފޮޓޯ: ދިޔަރެސް
ޕީޕީއެމްޕީއެންސީއާއި ދުރަށްޖެހިވަޑައިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަސައްކަތްޕުޅު ކުރައްވަން ފެއްޓެވި އެންމެ ބޮޑު ސަބަބަކީ، ރައީސް މުޢިއްޒު ވެރިކަމުގައި ހުންނެވުން ޔާމީނަށް ގަބޫލުކުރައްވަން ދަތިފުޅުވުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޢަބްދުއްރަހީމް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޚާއްޞަކޮށް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރިޔާސީ ޓިކެޓްގެ ކަންކަން ޕާޓީތެރޭ ހިނގާދިޔަ ގޮތާއި ވެރިކަމަށް ރައީސް ޑރ. މުޢިއްޒު އިންތިޚާބުވުމަށްފަހު ވެސް ރައީސް ޔާމީން ކަންކުރެއްވި ގޮތުގެ ތަފުސީލުތައް ޢަބްދުއްރަހީމް މިރޭ ވަނީ ވިދާޅުވެދެއްވާފައެވެ.

ޢަބްދުއްރަހީމް ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމަށް އިންތިޚާބުވުމަށް ފަހު ރައީސް ޔާމީން މިނިވަން ކުރުމާއި ގުޅޭގޮތުން އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކުރުމަށް ވަޑައިގެންނެވީ ރައީސް މުޢިއްޒާއި ޢަބްދުއްރަހީމް ކަމަށެވެ.

އަދި އެބައްދަލުވުމުގައި ރައީސް މުޢިއްޒުވަނީ ރައީސް ޔާމީން ގޭބަންދަށް ގެއަށް ގެންނަ މަގުމަތީ ޕާޓީގެ ލީޑަރޝިޕާއި ބައްދަލު ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވާތޯ ރައީސް ޞާލިޙް އަރިގައި އެދިވަޑައިގަންނަވާފައި ކަމަށާއި، އެކަން އެގޮތަށް ހަމަޖައްސަވައިދެއްވާނެކަމަށް ޞާލިޙް ވިދާޅުވިކަމަށެވެ.

ނަމަވެސް، ޔާމީން ޖަލުން ގެއަށް ވަޑައިގެންނެވި ދުވަހު ޔާމީން، ރައީސް މުޢިއްޒުއާއިމެދު ކަންކުރެއްވިގޮތް ވީޑިއޯތަކުން ފެންނަން ހުންނާނެކަމަށް ވިދާޅުވިއެވެ.

އަދި ގެއަށް ވަދެވަޑައިގަންނަވަމުން، ރައީސް މުޢިއްޒު ޝުކުރު އަދާކުރުމުގެ ޖަލްސާއެއް ބާއްވަވަން ނިންމެވިކަން އަޑުއެއްސެވިކަމަށާއި، ނަމަވެސް ރައްޔިތުންނަށް ޝުކުރު އަދާކުރުމުގެ ޖަލްސާ ބާއްވަންވާނީ ޔާމީން މިނިވަން ވުމަށްފަހު ކަމަށް ޔާމީން ވިދާޅުވިކަމަށް ޢަބްދުއްރަހީމް މިރޭ ވިދާޅުވިއެވެ.

ނަމަވެސް، ޝުކުރު އަދާކުރުމުގެ ޖަލްސާއެއް މާދަމާރޭ ބާއްވަވާނެކަމަށް ވިދާޅުވެވިފައި އޮތުމުން އެ ބައްދަލުވުން ބާއްވަވާނެކަމަށް ރައީސް މުޢިއްޒު އެވަގުތު ދެންނެވިކަމަށާއި،"އެހެންވީޔާ ބާއްވާށޭ" ވިދާޅުވެ ޔާމީން ގެއަށް ވަދެވަޑައިގެންނެވިކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

އަދި އޭގެ އެއްރޭ ފަހުން ބޭއްވި ޝުކުރު އަދާކުރުމުގެ ޖަލްސާގައި ހުންނަވަނިކޮށް އެކިފަހަރުމަތިން ރައީސްއަށް ޔާމީން ގުޅުއްވިކަމަށާއި ނަމަވެސް، އެމަނިކުފާނަށް ފޯނު ނެންގެވޭގޮތް އެރޭ ނުވިކަމަށް ވެސް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ، ޕީޕީއެމް ޕީއެންސީއާއި ޔާމީން ދުރަށްދިޔައީ ގޯސްތަކެއް ހަދައިގެން ނޫންކަމަށާއި، ހަމައެކަނި ސަބަބަކީ އެރޭ ޖަލްސާގައި، ތިމަން މަނިކުފާނަކީ އެއްވެސް މީހެއްގެ ދަށުން މަސައްކަތް ކުރާނެ މީހެއް ނޫންކަމަށް ރައީސް ވިދާޅުވުންކަމަށެވެ.

"ދުރަށް ދިޔަ ސަބަބަކީ ލަގޮނޑިއަށް ކެތް ނުވީ، އެހެން ބޭފުޅަކު ވެރިކަން ކުރާ މަންޒަރު ބަލަން ދެލޮލަށް ކުޅަދާނަ ނުވީ. އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ގޮނޑީގައި އިންނަވާ މަންޒަރު ދެކެން ހިތް ބިރުގަތީ،". ޢަބްދުއްރަޙީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން