ފެންވަރަން ހުރި މީހަކު ގަދަކަމުން ނެރެ ވަޅިން ހަމަލާ ދިން މީހަކަށް ހަތް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.

އަހުމަދު ނަބީލް ކިޔާ މީހަކު މިދިޔަ އޮގަސްޓު މަހު ވަނީ އަހުމަދު ވިޝާމް ނަމަކަށް ކިޔާ މީހަކު ފެންވަރަން ހުއްޓާ ނެރެ ވިޝާމްގެ ނިތްކުރިއާއި ވާތްފަރާތު ކޮނޑާ ދިމާލުން ބުރަކައްޓަށް ހަމަލާދީ ޒަހަމްކޮށްލާފަ އެވެ.

އެހެންވެ އޭނާގެ މައްޗަށް ދައުވާކުރީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ނެވެ.

ކްރިމިނަލް ކޯޓުން ނެރުނު ހުކުމްގެ ހުލާސާގައި ބުނެފައިވާ ގޮތުގައި ނަބީލު ވަޅިން ހަމަލާ ދިނުމަށް ފަހު އެތަން ދޫކޮށް ދިއުމުން ވިޝާމް އޭނާ ހުރި ގެއިން ނުކުމެ އެހީއަށް އެދެނިކޮށް ފުލުހުންނާ ދިމާވެގެގެން އޭނާ އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެެ.

އެ މައްސަލައަށް ނަބީލު އިންކާރު ކުރި ނަމަވެސް ސިއްރު ހެއްކެއްގެ ބަހަށާއި ނަބީލު ޝަރީއަތުގައި ދެއްކި ވާހަކަތަކަށް ބަލާއިރު އޭނާ ހަމަލާ ދިން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ހުކުމްގައި ބުނެފައި ވެއެވެ.

އެހެންވެ އޭނާ ހަތް އަހަރަށް ޖަލަށް ލާން އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް އެއީ އޭނާ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުގައި ހޭދަކުރި ދުވަސްތަކާ އެކު ޖަލުގައި ހޭދަކުރަން ޖެހޭ މުއްދަތު ގުނާ ގޮތަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން