ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފަައިސާ ދައުލަތުން ދޭންޖެހުނު މައްސަލާގައި މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އޭރުގެ ސީޕީ ޙުސައިން ވަހީދާއިއެކު އޭރުގެ މާލޭގެ މޭޔަރު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލު ކުރެއްވި ކަމަށް ވިދާޅުވެ ޙުސައިން ވަޙީދު ރޭ ދެއްކެވި ވާހަކަތައް ޝުޖާއު ދޮގުކުރައްވައިފިއެވެ.

ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ޙުސައިން ވަހީދު ވަނީ ނޫމަޑީގެ މައްސަލާގައި ރައީސް މުޢިއްޒު ކަންކަން ކުރެއްވި ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި އެކަމުގައި ރައީސާއިއެކު އެކި ވާހަކަތައް ދައްކަމުންދިޔަ ފަރާތްތައް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އަދި ނޫމަޑި އެއްބަސްވުން ބާތިލުކުރުމުގައި އެންމެ އިސްކޮށް ހުންނެވީ ރައީސް ޑރ. މުޢިއްޒު ކަމަށާއި އެ މައްސަލާގައި ފުރަތަމަ ގުޅުއްވީ ޙުސައިން ވަހީދަށް ކަމަށާއި އެ ފޯނު ކޯލަށް ފަހު ސީޕީ ޝުޖާއު އާއި ރައީސް މުއިއްޒުއާ އެކު އޭނާ ވެސް ބައްދަލު ކުރެއްވި ކަމަށް ރޭ ޙުސައިން ވަހީދު ވަނީ ވިދާޅުވެފައެވެ.

އެއާއި ގުޅިގެން ސީޕީ ޝުޖާއު މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ, ނޫމަޑި މައްސަލައާ ގުޅޭގޮތުން އެއްވެސް މީހަކާ އެއްވެސް ހައިސިއްޔަތަކުން ބައްދަލުކުރައްވާފައި ނުވާނެ ކަމަށާއި އެ މައްސަލާގައި އޭނާ ރައީސް މުއިއްޒާ ބައްދަލުކުރެއްވި ކަމަށް ބުނެ ދައްކަނީ ހަގީގަތާ ޚިލާފު ވާހަކައެއްކަން ވަރަށް ކަށަވަރު ކަމާއިއެކު ޔަގީންކަން ދެއްވާކަމަށެވެ.

ނޫމަޑި މައްސަލާގައި ރައީސް މުޢިއްޒު ދޮގު ބަޔާނެއް ދެއްވިކަމަށް ބުނެ އެމަނިކުފާނާއި ދެކޮޅަށް ދައުވާއެއް ވެސް ކުރިއެވެ. ނަމަވެސް, މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ކޯޓުން ވަނީ އެ ދައުވާ ސާބިތު ނުވާކަމަށް ހުކުމް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން