ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެންބަރު ޙަސަން ޒަރީރު
ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެންބަރު ޙަސަން ޒަރީރު
1.8 މިލިއަން ރުފިޔާގެ ސްކޭމް ހިންގި މީހަކަށް ދީފައިވަނީ މާކުޑަ އަދަބެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެންބަރު ޙަސަން ޒަރީރު މަޖިލީހުގެ ތަޅުމުގައި މިއަދު ކަންބޮޑުވުން ފާޅު ކުރަށްވައިފިއެވެ.

ޒަރީރު މިކަންބޮޑުވުން ފާޅުކުރަށްވާފައިވަނީ ސްކޭމްގެ މައްސަލަތަކުގައި ތިންވަނަ ފަރާތުގެ އެކައުންޓްގައި ހުންނަ ފައިސާ ހިފަހައްޓަން ފުލުހުންނަށް އަމުރު ނެރެވޭ ގޮތަށް ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށައަޅާފައިވާ އިސްލާހުގެ ބަހުސްގައެވެ.

މިއަދުގެ ބަހުސްގައި ޒަރީރު ވަނީ 1.8 މިލިއަން ރުފިޔާގެ ސްކޭމް ހިންގި މީހަކަށް ލައްކައެއްހާ ރުފިޔާގެ ޙުކުމެއް ކްރިމިނަލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު އިއްވާފައިވާތީ އެމީހާގެ މައްޗަށް ޕީޖީ އޮފީހުން ދަޢުވާ ކޮށްފައިވާ ގޮތާމެދު ސުވާލު އުފައްދާފައެވެ. އެގޮތުން ޕީޖީން މި މައްސަލާގައި ދަޢުވާކޮށްފައިވަނީ ކޮން ހަމަތަކެއްގެ މަތިންކަން ސާފު ނުވާކަމަށް ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ މިއަދުގެ ދުނިޔޭގައި ރީތި ބަހެއްގެ ގޮތުގައި “ސްކޭމް” ބޭނުންކުރި ނަމަވެސް އެއީ ވައްކަން ކުރުން ކަމަށާއި އެކައުންޓުގެ ވެރިފަރާތަށް އޮޅުވާލައިގެން އެކައުންޓުގައި ހުންނަ ފައިސާ އެހެން އެކައުންޓަކަށް ބަދަލު ކުރުމަކީ ވައްކަން ކަމަށެވެ.

“މިފަދަ ބޮޑު ޖަރީމާއެއް ހިންގި މީހަކަށް މިފަދަ ލުއި އަދަބެއް ދިނީމާ މި މައްސަލަތައް ޙައްލު ކުރަން އެބަ އުނދަގޫވޭ.” މެންބަރު ޒަރީރު މިއަދު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ މިފަދަ ޙުކުމްތައް ތަކުރާރުވާފަދަ ދަޢުވާތައް އުފުލިގެންދާނަމަ ޢަދުލު އިންސާފުގެ ނިޒާމާމެދު ރައްޔިތުންގެ އިތުބާރު ކުޑަވެގެންދާނެ ކަމަށެވެ. އެހެންކަމުން މިއީ ޤާނޫނުގައި ހުރި މައްސަލައެއްތޯ ނުވަތަ ފަނޑިޔާރަށް އޮންނަ އިޚްތިޔާރުގެ ސަބަބުން މެދުވެރިވާ ކަމެއްތޯ ބަލަންޖެހޭ ކަމަށް ޒަރީރު ވަނީ ވިދާޅުވެފައެވެ.

“1.8 މިލިއަން ރުފިޔާ އެހެންމީހެއްގެ އެކައުންޓުން ނެގީމާ އޭނާއަށް ޙުކުމަށް މި އަންނަނީ އެއްލައްކަ ތޭރަހާސް ރުފިޔާ ކަމަށް ވަނީނަމަ މިއީ މިކަން ކުރުމަށް ދެވޭ ހިތްވަރެއް.” މެންބަރު ޒަރީރު ވިދާޅުވެފައިވެއެވެ.

ޒަރީރު މިހެން ވިދާޅުވެފައިވާއިރު މޯލްޑިވްސް އިސްލާމިކް ބޭންކުގެ އެކައުންޓްތަކަކުން 1.8 މިލިއަން ރުފިޔާ ފޭރުނު މައްސަލާގައި ހއ. މޮޅަދޫ، މިސްރާބުގޭ ހަސަން ނާހިދު 115،540 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ވަނީ ހުކުމްކޮށްފައެވެ.

އޭނާއާ ދެކޮޅަށް ދަޢުލަތުން ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއެވެ. އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާކަމަށް ކޯޓުން ކަނޑައެޅީ ކުށަށް އިއުތިރާފުވެ، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމުގެ ދަށުންނެވެ.

ހަސަން ނާހިދާއެކު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހަދާފައިވާ އެއްބަސްވުމުގައި، ހަސަން ނާހިދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް، އަދި ހަސަން ނާހިދުގެ މައްޗަށް ކަނޑައެޅޭ ޖަލު އަދަބު 115،400 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އަދަބަށް ބަދަލުކުރަން ވަނީ ހިމަނާފައެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ 186 ވަނަ މާއްދާއަށް ރިއާޔަތްކޮށް މައްސަލައިގެ ބަންދުގައި ނާހިދު ހޭދަކުރި މުއްދަތު ޖަލު އަދަބުން އުނިކޮށް ދައްކަން ޖެހޭ ޖޫރިމަނާގެ އަދަދު 113،800 ރުފިޔާއަށް ދަށްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން