ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން (ޑްރީމްސް އިއްބެ)
ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން (ޑްރީމްސް އިއްބެ)
ރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ އިންވެސްޓަރުންނަށް ރެސިޑެންސް ވިސާ ދިނުމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން ޑްރީމްސް އިއްބެ ގޮވާލައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާފައިވާ އާބަން ޑިވެލޮޕްމަންޓް ބިލަށް ބަހުސް ކުރަށްވަމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްބެ ވިދާޅުވީ ރާއްޖޭގެ މުއްސަނދިކަން އިތުރަށް ކުރިއަރުވަން ބޭނުންނަމަ އިންވެސްޓަރުންނަށް ރެސިޑެންސް ވިސާ ދިނުމަކީ ރާއްޖޭގެ އިޤްތިޞާދު އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި މިވަގުތު ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.

އެގޮތުން ދުނިޔޭގެ ބޮޑެތި މުއްސަނދިން ރެސިޑެންޝަލް ވިސާގައި ރާއްޖެ އައިސް ރާއްޖޭން އެޕާޓްމަންޓް ގަނެގެން ރާއްޖޭގައި އިންވެސްޓްކޮށް ދިގު މުއްދަތަކަށް ރާއްޖޭގައި އުޅެވޭނެ މަގު ފަހިކޮށްދޭން ޖެހޭ ކަމަށް އިއްބެ ވިދާޅުވިއެވެ. އަދި އާބަން ޑިވެލޮޕްމަންޓް ޤާނޫނެއް ވުޖޫދަށް ގެންނައިރު މިއީ ވިސްނާލަން މުހިއްމު ނުކުތާއެއް ކަމަށް އިއްބެ މިއަދު ވިދާޅުވިއެވެ.

އިއްބެ ވިދާޅުވީ ކިތަންމެ ބޮޑެތި ބިން ތަކެއް ހިއްކި ނަމަވެސް ބިން ތަރައްޤީ ކުރާނެ މުއްސަނދިކަން ނެތުމަކީ ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. ހަމައެއާއެކު އާބަން ޑިވެލޮޕްމަންޓަކީ ވަޒީފާގެ ފުރުސަތުތައް އުފައްދައި ވިޔަފާރިތަކަށް އިތުރު މަގުތައް ހުޅުވާލެވޭފަދަ ގޮތަކަށް މަސައްކަތް ކުރުންކަމަށް އިއްބެ ވިދާޅުވެފައިވެއެވެ.

“އަޅުގަނޑުމެން މި މުއްސަނދިކަން ދުނިޔޭގެ މުއްސަނދިންނަށް ހުޅުވާލައިގެން މި މުއްސަނދިކަމުގެ ފައިދާ އަޅުގަނޑުމެން މިއަދު އެބަޖެހޭ ނަގަން.” އިއްބެ ވިދާޅުވިއެވެ.

އިއްބެ ވިދާޅުވީ ރާއްޖެ ތަރައްޤީ ކުރުމަށްޓަކައި ދައްކާ ވާހަކައަށްވުރެ ޢަމަލުން ނަތީޖާ ނެރުމަކީ މިވަގުތަށް ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ. އެގޮތުން ދިވެހިރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެއޭ ކިޔައިގެން ތިބުމުގެ ބަދަލުގައި ހިއްކާފައިވާ ބިންތައް ތަރައްޤީ ކުރެވޭނެ މަގެއް ހޯދަންޖެހޭ ކަމަށާއި އެގޮތަކީ މުއްސަނދިންނަށް ދިގު މުއްދަތަކަށް ރާއްޖޭގައި ދިރިއުޅެވޭނެގޮތް މަގުފަހި ކޮށްދިނުންކަން އިއްބެ ފާހަގަ ކުރެއްވިއެވެ.

“އިޤްތިޞާދީ ކުރިއެރުން އިތުރަށް ފުޅާކޮށް މިކަން ކުރެވޭނީ ރިއަލްސްޓޭޓްގެ ދާއިރާއިން ދުނިޔޭގެ އިންވެސްޓްރުންނަށް ނުވަތަ ދުނިޔޭގެ އެހެން ތަންތަނުގައި އެރޭވިފައިވާ ގޮތަށް އަޅުގަނޑުމެން އެ މޮޑެލް މިތަނަށް ގެނެސްގެން. އާބަން ޑިވެލޮޕްމަންޓެއް ޕްލޭން ކުރެވޭއިރު މިފަދަ ނިޒާމެއް ޤާއިމު ކުރުމަކީ ވަރަށް މުހިއްމު ކަމެއް..” އިއްބެ ވިދާޅުވިއެވެ.

މެންބަރު އިއްބެ މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ އާބަން ޑިވެލޮޕްމަންޓް ޤާނޫނުގައި ބުނެފައިވަނީ އާބަން ސަރަހައްދުތައް ކަނޑައެޅުމާއި އާބަން ސަރަހައްދުތައް ތަރައްގީކޮށް ހިންގުމާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީޙުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

އޭގެ އިތުރުން އާބަން ސަރަހައްދުތަކުގެ އޭރިޔާ ޑިވެލޮޕްމަންޓް މާސްޓާ ޕްލޭން ތައްޔާރުކުރުމާއި ހުއްދަތައް ދޫކުރުމާއި ތަރައްގީގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި އާބަން ޑިވެެލޮޕްްމަންޓް އޮތޯރިޓީގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެއްދުމަށް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން