މެދުކެނޑިފައި އޮތުމަށްފަހު ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ދަތުރުތައް އަލުން ބަންގާޅަށް (ބަންގްލަދޭޝަށް) ފަށައިފިއެވެ.

މޯލްޑިވިއަނުން ބުނީ ބަންގާޅުގެ ވެރިރަށް ޑާކާއަށް ކުރަމުން އައި ދަތުރުތައް އަލުން ފެށި ނަމަވެސް ފްލައިޓްގެ ޢަދަދު މަދުކޮށްފައިވާ ކަމަށެވެ. އެ އެއާލައިނުން ބަންގާޅަށް ކުރަމުންއައި ދަތުރުތައް މެދުކަނޑާލީ އެޤައުމުގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ހާލަތު ގޯސްވުމުން މިމަހުގެ ހަވަނަ ދުވަހުއެވެ.

ވީއައިއޭ އިން ޑާކާއަށް މޯލްޑިވިއަނުން ކުރިން ހަފްތާއަކު ދެ ދަތުރު އެޅި ނަމަވެސް މިހާރު އަޅާނީ ހަފްތާއަކު އެންމެ ދަތުރެއްކަމަށް މޯލްޑިވިއަނުން ބުނެއެވެ.

ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ބޮޑު އިންސައްތައަކީ ބަންގާޅު މަސައްކަތްތެރިން ކަމަށް ވާއިރު ބަންގާޅަކި މޯލްޑިވިއަނުން ދަތުރުކުރަމުންދާ ބައިނަލްއަޤްވާމީ މަދު މަންޒިލްތަކުގެ ތެރެއިން އެއް މަންޒިލެވެ.

ބަންގާޅުގެ އިތުރުން ގައުމީ އެއާލައިނުން ބައިނަލްއަޤްވާމީ ދަތުރުތައް މިހާރު ކުރަމުންދަނީ އިންޑިއާގެ ޓްރިވެންޑްރަމާއި، ކޮޗިން އަދި ބެންގަލޫރަށެވެ.

މޯލްޑިވިއަނަށް ވައިޑް ބޮޑީ އެއަރކްރާފްޓް ހޯދައި އިތުރު މަންޒިލްތަކަށް އެ އެއަރލައިންގެ ދަތުރުތައް ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން