ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ އެކައުންޓުތަކުން ސްކޭމްގެ މައްސަލަތައް ތަކުރާރުވުމަކީ ކަންބޮޑުވުމެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށައަޅާފައިވާ ބިލުގެ ބަހުސްގައި މައުރޫފް ވިދާޅުވީ ރާއްޖޭގައި ސްކޭމްތައް ހިންގުމަކީ ޙަޤީޤަތެއް ކަމަށާއި އެހެން ނަމަވެސް ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ތަކުރާރުކޮށް މި މައްސަލަތައް ފެންމަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

ހަމައެއާއެކު ރާއްޖޭގައި ހިންގާ ބޮޑެތި ބައެއް ސްކޭމްތަކަށް ތަންފީޒީ ބައެއް އިދާރާތަކުގެ އެހީތެރިކަން ލިބޭކަމަށް ރައްޔިތުން ތުހުމަތުކުރާކަމަށާއި އެހެންކަމުން ރައްޔިތުންގެ އެކަންބޮޑުވުންތަކަށް ރައްޔިތުންގެ މަޖިލީހުން ހައްލު ހޯދައިދޭން ޖެހޭކަން މައުރޫފް މިއަދު ފާހަގަކުރެއްވިއެވެ.

މައުރޫފް ވިދާޅުވީ ދިވެހިންނަކީ އާއްމުކޮށް މަކަރާ ހީލަތްހަދާ އޮޅުވާލުމަށް އާދަވެފައިވާ ބަޔަކަށް ނުވާތީ ބައެއް ފަހަރު ސްކޭމްތަކުގައި ޖެހެނީ މާ ފަސޭހައިން ކަމަށެވެ. އެގޮތުން “ޒާރާ”ގެ ފޮޓޯއެއް ލާފައި ލިންކެއް ފޮނުވާލުމުން އެލިންކަކަށް ފިތާލާ ރައްޔިތުމީހާ ގޮސް ވެއްޓެނީ އަނދަވަޅަކަށް ކަމަށް މައުރޫފް މިއަދު ވިދާޅުވިއެވެ.

މައުރޫފް ވާހަކަފުޅު ދައްކަވަމުން ވަކި ފަރާތެއްގެ ނަން ފާހަގަކުރުމުން މަޖިލީހުގެ ބައެއް މެންބަރުން ވަނީ އެކަމާ ނުރުހުން ފާޅުކުރަށްވާފައެވެ. އެކަމާ ގުޅިގެން މައުރޫފް ވިދާޅުވީ އޭނާ ދައްކަވަނީ އާއްމުކޮށް ކަން ހިނގާ ގޮތުގެ ވާހަކަ ކަމަށެވެ.

ބީއެމްއެލްގެ އެކައުންޓުތަކުން ސްކޭމްގެ މައްސަލަތައް ތަކުރާރުކޮށް ފެންމަތިވާކަމަށް މައުރޫފް ވިދާޅުވެފައިވާއިރު ބޭންކުން މިދިޔަ ހަފުތާގައި ބުނީ މިއަހަރު ޖުމްލަ 1400 އަށްވުރެ ގިނަ ސްކޭމްގެ މައްސަލަ ހުށަހަޅައިފައިވާއިރު އޭގެ ތެރެއިން 700 މައްސަލަ ހުށަހަޅައިފައިވަނީ ދެވަނަ ކުއާޓަރުގައި ކަމަށެވެ.

އޭގެއިތުރުން މިދިޔަ އަހަރު އޮޅުވާލައިގެން ފައިސާ ހޯދުމުގެ 1،661 މައްސަލައެއް ފުލުހަށް ރިޕޯޓުކޮށްފައިވާއިރު އެ ސްކޭމްތަކުން 20 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުންގެ އިދާރާގެ ތަފާތުހިސާބުތަކުން ދައްކަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން