މުޑުދާރުކޮށް ކާބޯތަކެތި ހަދައި ވިއްކުން ވަރަށް ފުޅާކޮށް ކުރިއަށް ގެންދާ ކަމަށާއި އެކަން ހުއްޓުވާނެ ކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރަން ސަރުކާރުން ފަށާފައިވާ އޮޕަރޭޝަނުގައި، މިހާތަނަށް ވަދެވުނު ތަންތަނަށް ބަލާއިރު މުޑުދާރުކޮށް ކާބޯތަކެތި ހަދައި ވިއްކުން ވަރަށް ފުޅާކޮށް ކުރިއަށް ގެންދާ ކަމަށާއި އެކަން ހުއްޓުވާނެ ކަމަށެވެ.

އިމިގްރޭޝަނުން ހިންގާ މި އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، އެ މީހުން ރާއްޖެއިން ފުރުވާލުމުގެ މަސައްކަތް ކުރަމުންދާއިރު އޮޕަރޭޝަންތަކުގައި ފެނުނު ބައެއް މަންޒަރު ތަކުން ކާބޯތަކެތީގެ ރައްކާތެރިކަމެއް ނެތް ކަމަށާއި މުޑުދާރުކޮށް، އެކި ބާވަތްތައް ހަދައި ފިހާރަތަކާއި ކެފޭތަކުގައި ވިއްކަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ.

މާލެ ސިޓީގައި ކުރިޔަށްދާ މި އޮޕަރޭޝަންގައި އިމިގްރޭޝަނުން ބަލައި ފާސްކުރި ބައެއް ތަންތަނުގައި ބިދޭސީން އާއްމުކޮށް ފިހާރަތަކުން ގަންނަ ބާވަތްތައް ކަމަށްވާ ތެލުލި ފަތާއި ކުދި ގުޅަ އާއި ފޯއް ޕެކެޓް ފަދަ ތަކެތި ހަދައި ވިއްކަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި މިހާރު ފެންމަތިވެގެން އުޅޭ އަނެއް މައްސަލަ އަކީ މާލޭގައި އުޅޭ ބުޅާތައް ހިފައި، އޭގެ މަހުގައި ކާބޯތަކެތި ތައްޔާރު ކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެވެ. މި މައްސަލަ އާއި ގުޅުންހުރި ބިދޭސީމީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ހިންގާ އޮޕަރޭޝަންގައި އިމިގްރޭޝަނަށް ވަދެވޭ ތަންތަނުގައި ވިޔަފާރިއަށް، އާދަޔާހިލާފަށް ގިނައިން ކާބޯތަކެތި ތައްޔާރުކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ. އެހެން ހުރި ތަންތަން ހޯދައި އެކަން ހުއްޓުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފަ އެވެ.

މިދިޔަ ހަތް މަސްދުވަހުގެ ތެރޭގައި 2،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފައިވާއިރު، ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ 150 އަށް ވުރެ ގިނަ މީހުން އެ އޮޕަރޭޝަންގައި ވަނީ ހިފަހައްޓައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން