ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް
ނުފޫޒަށް ނުލެނބި މަސައްކަތް ކުރާނެ ގާބިލު މީހުންތަކެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އުފައްދަވާފައިވާނެ ކަމަށް ޕީޖީގެ މަޤާމުން ވަކިކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމި އަލްއުސްތާޛު ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މަޤާމުން ވަކިކުރުމަށްޓަކައި މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ސިއްރު ބައްދަލުވުމުގައި އޭނާ ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށް ހުށައަޅާފައިވާ މައްސަލަތަކެއް ނޫންކަމަށެވެ. އަދި އޭނާ މަޤާމުން ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލައިގެ ހުރިހާވެސް މޯޓިވަކީ އޭނާ މަޤާމުން ވަކިކުރުން ކަމަށް ޝަމީމް މިއަދު ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މިއަދު އޭނާ މަޤާމުން ވަކިކުރި ނަމަވެސް ލިބިވަޑައިގަންނަވާ އެންމެބޮޑު ހިތްހަމަޖެހުމަކީ ވަކި ނިޒާމަކުން ހިނގާ އަދި ކޮރަޕްޝަނާއި ނުފޫޒުން އެއްކިބާވެގެން ހިންގޭ މުއައްސަސާއެއް ބިނާކުރެއްވުނުކަމުގެ ހިތްހަމަޖެހުން ކަމަށެވެ.

އޭގެ އިތުރުން މިއަދު އޭނާ މަޤާމުން ވަކިކުރަނީ ނުފޫޒަށް ނުލެނބި މަސައްކަތް ކުރާނެ ގާބިލު މީހުންތަކެއް އުފައްދާފައިވާތީ ކަމަށާއި، ނިޒާމުގެ ތެރެއިން ކުށްވެރިންނަށް ދެމިގަނެވޭނެ ބާގަނޑުތައް ބަންދު ކޮށްފައިވާތީ ކަމަށްވެސް ޝަމީމް މިއަދު ވިދާޅުވިއެވެ.

“އަޅުގަނޑު މަގާމުން ވަކިކުރަނީ އަޅުގަނޑުގެ މަސައްކަތް އެމަގަށް ބައްޓަންކުރީތީ، ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ގާއިމު ކުރީތީ.” ޝަމީމް މިއަދު ވިދާޅުވިއެވެ.

އޭގެ އިތުރުން ޝަމީމް މިއަދު ވިދާޅުވީ އޭނާ މަޤާމުން ވަކިކުރަން މަޖިލީހަށް ހުށައެޅުއްވުމުގެ ކުރިން ސަރުކާރާއި މަޖިލީހުންވެސް އޭނާގާތު “ހޭ” ވެސް އަހާނުލާ ކަމަށާއި މިއީ ނުރަނގަޅު މެސެޖެއް ކަމަށެވެ.

ޝަމީމް މިހެން ވިދާޅުވެފައިވާއިރު ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން ޙުސައިން ޝަމީމް ވަކިކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން މިއަދު ވަނީ ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން