ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ޙުސައިން ޝަމީމް ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅުނު މައްސަލާގައި މިއަދު ކުރިއަށް ގެންދިޔަ ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުން ސިއްރުކުރީ މަޖިލީހުގެ ގަވާއިދާއި ޚިލާފަށްކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.

ޝަމީމްގެ މައްސަލާގައި ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ކަންކުރިގޮތް ކުށްވެރި ކުރައްވައި, މިރޭ އޮތް އެމްޑީޕީގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިލްވަނީ މި މައްސަލަ މަޖިލީހުގެ ތެރޭގައި ހިނގައިދިޔަގޮތް ވިދާޅުވެދެއްވާފައެވެ.

ނާޒިލް ވިދާޅުވީ, ޝަމީމް އާއި ގުޅޭގޮތުން ޖުޑިޝަރީ ކޮމެޓީއަށް 8 މައްސަލައެއް ހުށަހެޅު ކަމަށެވެ. އަދި އެ ކަންކަމަށް ޖަވާބުދާރީވުމަށް ޝަމީމް މިއަދު މަޖިލީހަށް ވަޑައިގެން ޖަވާބުދާރީވި ކަމަށާއި ނަމަވެސް ޕީއެންސީގެ ސުޕަރ މެޖޮރިޓީގެ މެންބަރުން ނިންމީ އެ ބައްދަލުވުން ސިއްރުކުރަން ކަމަށެވެ.

ބައްދަލުވުން ސިއްރުކުރަން ނިންމުމުން އެކަން ގޮތަށް ނިންމީ ގަވާއިދުގެ ކޮން މާއްދާއަކަށް ރިޔާއަތް ކޮށްގެންތޯ ސުވާލު ކޮށްފައިވާނޭ ކަމަށާއި ނަމަވެސް އެއަށް ޕީއެންސީގެ މެންބަރުން ޖަވާބު ދީފައި ނުވާކަމަށް ނާޒިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި އޮންނަނީ, ކޮމެޓީގެ ބައްދަލުވުމެއް ސިއްރު ކުރަންޖެހޭކަމަށް ފެންނަނަމަ ގަވާއިދުގެ 46 ވަނަ މާއްދާގައި އޮންނަ ކަންކަމަށް ރިޔާއަތް ކުރަންވާނެ ކަމަށެވެ. އަދި އޭގެ ތެރޭގައި ހިމެނެނީ, ގައުމީ ރައްކާތެރިކަމާ ގައުމީ ސަލާމަތާއި ގުޅޭ މައުލޫމާތު ހިމެނޭ ބައްދަލުވުންތަކާއި, ވިޔަފާރީގެ މުއާމަލާތެއް ހިމެނޭ ބައްދަލުވުންތަކާއި އަދި ސިއްރު މައުލޫމާތެއްގެ ގޮތުގައި އޮންނަ މައުލޫމާތެއް އޮތްނަމަ އެފަދަ ބައްދަލުވުންތައް ކަމަށާއި ނަމަވެސް އެއިން އެއްވެސް ކަމަކާއި މިއަދުގެ ބައްދަލުވުމާ ގުޅުމެއް ނެތްކަމަށް ނާޒިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ, ބައްދަލުވުން ސިއްރުކުރީ ޝަމީމް ވެސް އެ ބައްދަލުވުން ލައިވްކޮށް ރައްޔިތުންނަށް ފެންނަން ބޭނުންވާކަމަށް ވިދާޅުވެފައި ވަނިކޮށް ކަމަށެވެ. އަދި އެކަން އެގޮތަށް ހަމަޖައްސައިނުދީ މިރޭ ތަޅުމުގައި ވޯޓަށް އެހި އިރު ކޮމެޓީގެ ރިޕޯޓުގައި ވެސް އެ ބައްދަލުވުން ސިއްރުކުރި ސަބަބު ބުނެފައި ނެތްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަދި މަޖިލީހުގެ ތެރޭގައި ހިންގާ މިފަދަ ކަންކަން ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށާއި މިހާރު ކަންކަން ހިނގާގޮތުންނަމަ, މިނިވަން މުއައްސަސާތަކުގެ ބޭފުޅުންގެ ބޮލުގައި ދޮގު އިލްޒާމުތައް އަޅުވައި މަގާމުން ވަކިކުރުން އާންމުވެގެން ހިނގައިދާނެކަމަށް ނާޒިލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން