މި ސަރުކާރުން ދަނީ ލޯކަލް ކައުންސިލްތަކަށް ސިޔާސީ މުވައްޒަފުން އައްޔަނު ކުރަމުންކަމަށް ބުނެ އެކަން އެގޮތަށްކުރުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އަރބަން ޑިވެލޮޕްމަންޓް ބިލުގައި ލާމަރުކަޒީ ނިޒާމުގެ އަސާސްތައް ފުނޑިގެންދާފަދަ މާއްދާތަކެއް ހިމަނާފައިވާކަމަށްބުނެ އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, މި ސަރުކާރުން ދަނީ ލާމަރުކަޒީ ނިޒާމު ނިކަމެތިކުރުމަށް އެކި މަސައްކަތްތައް ކުރަމުން ކަމަށެވެ.

އެގޮތުން, އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ވަކި ގާނޫނީ ޝަހޚުޞެއްކަން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންމުގެ ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައި އޮންނަ ކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ގެންދަވަނީ ކައުންސިލްތަކަށް ސިޔާސީ މުވައްޒަފުން އައްޔަނު ކުރައްވަމުންކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި ކައުންސިލުތަކަށް ސިޔާސީ މުވައްޒަފުން އައްޔަނުކުރަމުންދަނީ ކަނޑައެޅިގެން ކައުންސިލުތަކުގެ ބާރު ކަނޑުވާލަންކަމުގައި އެމްޑީޕީން ދެކޭކަމަށް ވަނީ ބުނެފައެވެ.

ބަޔާނުގައި ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލްތަކުގެ އިދާރާތަކަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ސިޔާސީ މުވައްޒަފުން އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށް ލިބިވަޑައިނުގަންނަވާތީ، ކައުންސިލް އިދާރާތަކަށް ސިޔާސީ މުވައްޒަފުން އައްޔަނުކުރުން ހުއްޓާލުމަށް އެ ޕާޓީން ގޮވާލާކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ސިޔާސީ މުވައްޒަފުން އައްޔަނު ކުރާކަމަށް ބުނެފައިވަނީ ކޮން ނަމެއްގައި މަގާމުތަކަކަށް މީހުން އައްޔަނު ކުރާތީކަމެއް ބުނެފައެއް ނުވެއެވެ. ނަމަވެސް, ޔޫތު އެސޯސިއޭޓުންގެ ނަމުގައި ރަށްރަށަށް އައްޔަނުކުރާ މީހުން ކައުންސިލް އިދާރާތަކުގައި މަސައްކަތް ކުރަން ހަމަޖައްސާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން