އެމްޑީޕީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ދިން ގޯއްޗާއި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދިން ފްލެޓުތައް ހަވާލުކުރުން ލަސްވާ ކަމަށްބުނެ އެތަންތަން ލިބުނު މީހުން މިރޭ ވެސް މުޒާހަރާކޮށްފިއެވެ.

ފުލެޓާއި ގޯތި ދިނުން ލަސްވާ ކަމަށް ބުނެ މާލޭގައި މުޒާހަރާ ކޮށްފައިވަނީ ރާޅުގަނޑު ސަރަހައްދުގައެވެ.

ތަފާތު އެކި ޝުއޫރުތަށް ލިޔެފައިވާ ބޯޑްތަކާއި މިރޭ ކުރި މުޒާހަރާގެ ބައިވެރިން ވަނީ ގޯއްޗާއި ފުލެޓު ލިބުނު އެއްވެސް މީހަކު ބާކީ ނުކޮށް، އެ އެންމެންނަށް ވެސް ގޯއްޗާއި ފްލެޓު ހަވާލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދާ އެއްގޮތަށް އެކަން ކުރެއްވުމަށް ގޮވާލާފައެވެ. އަދި ގޯތި ދިނުމަށް ހިއްކަން ފަށާފައިވާ ސަރަހައްދުތައް އަވަހަށް ހިއްކާ ނިންމުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާލިއެެެވެ.

ގޯއްޗާއި ފުލެޓު ލިބުނު މީހުން މުޒާހަރާ ކޮށްފައިމިވަނީ ގޯތިތައް އަތުލުމަށް މަޖިލިސް މެންބަރުން ކުރާ މަސައްކަތް ހުއްޓުވުމަށް މުޒާހަރާއަށް ނުކުތުމަށް ގުޅީފަޅު އެސޯސިއޭޝަނުން ގޮވާލާފައިވާ ދަނޑިވަޅެެއްގައެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދިން ފްލެޓުތައް ހަވާލުކުރުން ލަސްވާ ކަމަށް ބުނެ މުޒާހަރާކޮށްފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ ގޯއްޗާއި ފުލެޓް ދިނުމުގެ މަސައްކަތް ލަސްކުރަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެެ.

ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވައުދާއި އެއްގޮތަށް ހުޅުމާލެއިންނާއި ގިރާވަރު ފަޅުންނާއި ގުޅީފަޅުން މާލޭގެ ރައްޔިތުންނަށް ގޯއްޗާއި ފުލެޓް ދޫކުރާނެ ކަމަށެވެ. މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ މަސައްކަތް ލަސްކުރަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުން ލަސްވަނީ ކުރީގެ ސަރުކާރުން ގޯތިތަށް ދޫކޮށްފައިވާ ގޮތުން ކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރުން ގޯތި ދޫކޮށްފައިވާ މަގަކަށް، ސުކޫލަކަށް އަދި ހޮސްޕިޓަލަކަށް ވެސް ބެލުމެއް ނެތި ކަމަށް ރައީސް ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ހުޅުމާލޭގައި 4000 ފްލެޓް އަންނަނީ އިމާރަތްކުރަމުންނެެވެ. އެފުލެޓް ލިބޭނެ މީހުން ކަނޑައެޅުމުގައި ކުރީގެ ސަރުކާރުން ޝަރުތު ހަމަނުވާ މީހުން ހިމަނައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ އޭސީސީން ވަނީ އެމައްސަލަ ތަހުގީގްކޮށްފައެވެ. އޭސީސީގެ އެންގުމާއި އެއްގޮތަށް ފުލެޓް ލިބޭ މީހުންގެ ލިސްޓް އަލުން މުރާޖައާކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެެވެ.

ކުރީގެ ރައީސް ޞާލިޙްގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވެއެެވެ. އޭގެތެރެއިން ޖުމުލަ 9،003 ގޯތި ދޫކުރަން އޭރުގެ ސަރުކާރުން ވަނީ ނިއްމާފައެވެ. އެ ގޯތިތައް ދޫކޮށްފައިވަނީ ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ތިމަންނަ

26-Aug-2024

ވިދާޅުވީ ދެއްވާނަމޭ އަދި ނުދެއްވިދައެއް ނެތްތާ ، އަދި ވިދާޅުވިތާ 4 އަހަރެއްވެސް ނުވޭތާ.....



ޓްރެންޑިން