ގަވާއިދާ ހިލާފަށް ސެލޫން ހިންގަމުން ދިޔަ އިތުރު ބިދޭސީއަކު އިމިގްރޭޝަނުން ހިންގާ ހާއްސަ އޮޕަރޭޝަނުގައި އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫން ވިޔަފާރި ކުރަމުން ދަނިކޮށް އަތުލައިގެންފައި ވަނީ ސުޝްމިތާ ދައުގޮޑާ ނުވަތަ އާންމު ނަމުންނަމަ، "ސުޒޫ" ނަމަކަށް ކިޔާ އަންހެނެއް ކަމަށެވެ. އޭނާ އަތުލައިގެންފައިވަނީ އޭނާ އާއި ގުޅޭ ގޮތުން އިމިގްރޭޝަން ވޮޗަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން މިމަހުގެ 18 ވަނަ ދުވަހު ހިންގި ހާއްސަ އިންސްޕެކްޝަނެއްގެ ތެރެއިން ކަމަށް އެ އިދާރާއިން ބުނެއެވެ.

މި ބިދޭސީ މީހާއަކީ އޭނާއަށް ދޫކޮށްފައިވާ ހުއްދައިގެ (ވިސާގެ) ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުން އައި ފަރާތަކަށް ވާތީ އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް، މިމަހުގެ 20 ވަނަ ދުވަހު ފުރުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ގަވާއިދާ ހިލާފަށް ސެލޫން ހިންގަމުން އައި ސުޒޫ ޑީޕޯޓްކޮށްލާފައިވާއިރު، އިމިގްރޭޝަނުން ވަނީ ޓިކްޓޮކް މެދުވެރިކޮށް ދިވެހިންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ "ރިޒް ސެލޫން"ގެ ރަޖަނީ ޝްރެސްތާވެސް ރާއްޖެއަށް ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްލާފައެވެ. އޭނާއަކީ ވެސް ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުން ދިޔަ މީހެއްކަން ފާހަގަ ކުރެވެއެވެ.

އިމިގްރޭޝަނުން އަންނަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި އެފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އަޅަމުންކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން