ރާއްޖޭގެ އިގުތިސާދު އަމާން ބަނދަރަކަށް ގެންދިޔުމުގެ ގާބިލުކަމެއް އަދި ތަސައްވުރެއް ވެސް މިސަރުކާރަކު ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ ރާއްޖޭގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓައިލީ އެމްޑީޕީން ކަމަށް މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވުމާ ގުޅިގެންނެވެ. އެގޮތުން ސައީދަށް ރައްދު ދެއްވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އިގުތިސާދު އަމާން ބަނދަރަކަށް ގެންދިޔުމުގެ ގާބިލުކަމެއް އަދި ތަސައްވުރެއް ވެސް މިނިސްޓަރު ސަޢީދާއި ސަރުކާރުގެ ފަރާތުން ފެނިގެން ނުދާ ކަމަށެވެ.

ސަޢީދަށް ރައްދު ދެއްވައި ފައްޔާޒު ވިދާޅުވީ ރައްޔިތުން ވެރިކަން ހަވާލުކުރީ އެމްޑީޕީން ބޮއްސުންކޮށްލި އިގްތިސާދު ހަމައަކަށް އަޅުވާނެ ކަމަށް ކެމްޕޭނުގައި ވީ ވައުދުތަކުގެ މައްޗަށް ކަމަށާއި ނަމަވެސް ވެރިކަމަށް ނުވަ މަސް ފާއިތުވެގެންދާއިރާއި ފަސް އަހަރު ނިމޭއިރު ވެސް ކުރީ ސަރުކާރު ކުށްވެރި ކުރުމުގައި ސަރުކާރު ދެމި އޮންނާނެ ކަމަށް ރައްޔިތުން އުއްމީދު ނުކުރާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އޭގެ ބަދަލުގައި ރައްޔިތުން ބޭނުންވަނީ ހައްލުތައް ކަމަށްވެސް ވިދާޅުވި އެވެ.

މި ސަރުކާރުން ކުރިއަށް އޮތް ތަނުގައި ފޮރިން ރިޒާވް ވަރުގަދަކުރުމުގެ ނަމުގައި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ވެސް އަތްލާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި މި ސަރުކާރުން ފައިސާ ޗާޕު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި މިއީ ކުދި އަދި ވަގުތީ ހައްލުތައް ކަމަށާއި މިފަދަ ކަންކަން ކޮށްގެން ނަމަވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ސަލާމަތްކޮށް މުޅި ގައުމުގެ އިގުތިސާދު ސަލާމަތް ކޮށްދެއްވުމަށް ފައްޔާޒު ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން