ފުލުހުން މީގެކުރިން އަތުލައިގެންފައިވާ ބަނގުރާ
ފުލުހުން މީގެކުރިން އަތުލައިގެންފައިވާ ބަނގުރާ
މާލޭގެ ފިހާރައެއްގައި ބަނގުރަލާއި، ވަގު ޑޮލަރުގެ ވިޔަފާރިކުރި އިންޑިއާ ދެމީހުން ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ޢާއްމު ކޮށްފައިވާ އެކޯޓުގެ ބަންދު އަމުރުތަކުން އެނގޭ ގޮތުގައި އިންޑިއާ ދެފިރިހެނުން ބަނގުރަލާއި ވަގުޑޮލަރުގެ ވިޔަފާރި ކުރަމުން ގޮސްފައިވަނީ މއ. ޓޗްމާޓް ފިހާރައިގައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ އުމުރުން 42 އަހަރުގެ ފިރިހެނަކާއި 43 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.

ކޯޓު އަމުރުގައި އިތުރަށް ބުނެފައިވަނީ މއ. ޓޗްމާޓް ފިހާރައިގައި ބަނގުރާ ވިއްކާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވެރިފަރާތުގެ ހުއްދައާއެކު ފުލުހުން އެފިހާރަ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ފިހާރައިގެ ގުދަނުން ގިނަ އަދަދެއްގެ ބަނގުރަލާއި ވަގުޑޮލަރު ފެނިފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.

ހައްޔަރުކުރި ބިދޭސީންނަކީ އިމިގްރޭޝަން ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހުން ކަމަށާއި އެމީހުން ބަނގުރަލާއި ވަގުޑޮލަރު ފިހާރައިގައި ގެންގުޅެމުންދަނީ ފިހާރައިގެ ވެރިފަރާތަށް ނޭނގި ކަމަށް އެމީހުން ކޯޓުގައި ބުނެފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

މި މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން