ހުޅުމާލޭގައި ޢިމާރާތް ކުރަމުންދާ ފްލެޓެއް
ހުޅުމާލޭގައި ޢިމާރާތް ކުރަމުންދާ ފްލެޓެއް
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރައީސް ޞާލިޙްގެ ސަރުކާރުން ތަރައްގީ ކޮށްފައިވާ 4،000 ހައުސިން ޔުނިޓް ޙަވާލުކުރުމުގެ މަސައްކަތް ފެށޭނީ ހައުސިން މިނިސްޓްރީން ވަކި ގޮތެއް އެންގުމުން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފިއެވެ.

އެފްޑީސީން މިހެން ބުނެފައިވާއިރު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުން ދޫކޮށްފައިވާ 4000 ފްލެޓް އަންނަ އޮކްޓޯބަރުގައި ޙަވާލުކޮށް ނިންމަން މަސައްކަތް ކުރަށްވާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު ވަނީ ވިދާޅުވެފައެވެ.

ފްލެޓް ޙަވާލުކުރުން ލަސްވެ ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެފްޑީސީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ފަރާތްތަކާއި އެ ފަރާތްތަކަށް ލިބޭނެ ފްލެޓު ކަނޑައެޅުމުގެ މަސައްކަތް ކުރަމުން ގެންދަނީ ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ކަމަށެވެ.

ހަމައެއާއެކު އެފްޑީސީން ވެސް އަމަލުކުރަމުން ދަނީ އެވުޒާރާއިން އަންގާ ގޮތަށް ކަމަށާއި ފްލެޓް ހަވާލުކުރުމާ ގުޅުންހުރި ހުރިހާ މަސައްކަތްތަކެއް މަޑުޖައްސާލަން ގެދޮރުވެރިކަމާބެހޭ ވުޒާރާއިން އެފްޑީސީއަށް އަންގާފައިވާކަމަށް ބަޔާނުގައިވެއެވެ.

“އެހެންކަމުން، ޔުނިޓު ހަވާލުކުރުމާ ގުޅޭގޮތުން ކުރެވޭ އެންމެހާ މުއާމަލާތްތައް ކުރިއަށްގެންދެވޭނީ އެ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީން ވަކިގޮތެއް އެންގުމުން ކަމުގައި ދަންނަވަމެވެ.” އެފްޑީސީގެ ބަޔާނުގައިވެއެވެ.



ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 ގައި 17 އަދި 18 ފަންގިފިލާގެ 32 ޓަވަރު އިމާރާތްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެެވެ. އޭގެ ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނައިރު އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނޭ ކަމަށް އެފްޑީސީން މަޢުލޫމާތު ދީފައިވެއެވެ.

4000 ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓާއި ގުޅިގެން އޭސީސީން ކުރި ތަހުގީގަށް ފަހު ބުނީ އޭގެތެރެއިން 60 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށެވެ. ކުރީ ސަރުކާރުން ފްލެޓްގެ ހައްގުވެރިންގެ ގޮތުގައި އެކުލަވާލި ދާއިމީ ލިސްޓުގައި ހިމެނޭ 20 އިންސައްތަ ފޯމުގައި މައްސަލަތައް ހުރި ކަމަށް އޭސީސީން ބުނެފައި ވެއެވެ.

އެހެންކަމުން ހައުސިން މިނިސްޓްރީން މިހާރުދަނީ ފްލެޓް ލިސްޓް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން