ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް (މ).
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް (މ).
މަނީ ލޯންޑަރިންގެ ކުށް ސާބިތުގެ ޖަލަށްލާފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ޤާނޫނު އަސާސީން ލިބިދޭ އެތައް ހައްގަކުން މަހުރޫމުކޮށްފައިވާ ކަމަށް އެމަނިކުފާނުގެ ޢާއިލާއިން ބުނެފިއެވެ.

ރައީސް ޔާމީނުގެ ދަރިކަލުން ޒޭން ޢަބްދުﷲ ޔާމީން، ޢާއިލާގެ ފަރާތުން ނެރުއްވި ބަޔާނުގައި، ޤާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ޙައްޤުތަކުން ރައީސް ޔާމީން މަހުރޫމުކޮށްގެން އެމަނިކުފާނަށް ދެމެންދާ ލާއިންސާނީ އަނިޔާތައް ހުއްޓައިލުމަށާއި، އެމަނިކުފާނުގެ އަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް ގޮވާލާފައި ވެއެވެ.

އަދި ހައިކޯޓާއި ކުރިމިނަލް ކޯޓުން ކޮށްފައިވާ އަމުރުތަކާވެސް ޚިލާފަށް ޤާނޫނު އަސާސީގެ 51 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޤާނޫނީ ވަކީލެއް ލިބުމުގެ އަސާސީ ޙައްޤުން ރައީސް ޔާމީން މަހުރޫމުކޮށްފައިވާ ކަމުގައި ޢާއިލާއިން ވަނީ ފާހަގަ ކޮށްފައެވެ. އަދި ހައިކޯޓާއި ކުރިމިނަލް ކޯޓުން ދައުލަތުގެ މައްޗަށް ކުރި އަމުރުތައް ތަންފީޒުކުރަންޖެހޭ އިދާރާއަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް ކަމަށާއި، އެއިދާރާގެ ބަލަދުވެރިޔަކީ ހޯމް މިނިސްޓްރީ ކަމަށް ޢާއިލާއިން ފާހަގަކޮށްފައިވެއެވެ.

އަދި ރައީސް ޔާމީނާމެދު ދޮގު ބުހުތާނު ވާހަކަތައް ނުދެއްކުމަށާއި، އެމަނިކުފާނަށް އަނިޔާވެރި ނުވުމަށް ހޯމް މިނިސްޓަރު ޢިމްރާނަށް ޢާއިލާއިން ވަނީ ގޮވާލާފައެވެ. ތަކުރާރުކޮށް ރައީސް ޔާމީނާމެދު އަނިޔާވެރިވެ، އެމަނިކުފާނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކުން އެމަނިކުފާނު މަހުރޫމުކޮށް، އެމަނިކުފާނާމެދު ދޮގު ބުހުތާނު ވާހަކަތައް ދައްކަމުންދާތީ، އެކަމުގައި ޢާއިލާއަށް ޤާނޫނީ އިމުގެ ތެރެއިން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމުގައިވެސް ޢާއިލާއިން ބުނެފައިވެއެވެ

އިއްޔެ ރައީސް ޢަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުން މާފުއްޓަށް ދަތުރުކުރުމުންވެސް، ކަރެކްޝަނަލް ސަރވިސް އިން ވަނީ ތަފާތު އެކި ބަހަނާތައް ދައްކައި، މިކަމާ ގުޅުމެއް ނެތް މާފުށީ ކައުންސިލާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހުއްދަ ނުދިން ކަމުގައި ބުނެ، ރައީސް ޢަބްދުﷲ ޔާމީންއާ ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައި ނުދީ ކަމަށް ޢާއިލާއިން ވަނީ ބުނެފައެވެ.

އަދި ސަރުކާރުން މީގެ ކުރިންވެސް ޤާނޫނީ ވަކީލުންނާ ބައްދަލުކުރުމުގެ ޙައްޤަށް ތަކުރާރުކޮށް ހުރަސް އަޅާފައިވާ ކަމުގައި ޢާއިލާއިން ބުނެފައިވެއެވެ. ހަމައެހެންމެ މިދަނޑިވަޅަކީ ކުރިމިނަލް ކޯޓުން ރައީސް ޔާމީނުގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފުކުރެއްވި މައްސަލަ ހައިކޯޓުގައި ނިމުމަކާ ހަމައަށް ގޮސްފައިވާ ދަނޑިވަޅު ކަމަށާއި، އަދި އިތުރު ދެ ދައުވާއެއް ދައުލަތުން ކުރިމިނަލް ކޯޓުގައި އުފުލާފައިވާ ދަނޑިވަޅުކަމުގައިވާތީ، އެ މައްސަލަތަކުން ދިފާޢުވެވަޑައިގަތުމަށްޓަކައި ބޭނުންވާ އެންމެ މުހިއްމު ވަސީލަތް ކަމުގައިވާ ވަކީލުންގެ އެހީތެރިކަން ލިބުމުގެ ޙައްޤަށް ސަރުކާރުން ހުރަސް އެޅުމަކީ ކަންބޮޑުވާ ކަމެއް ކަމުގައި އާއިލާއިން ފާހަގަކޮށްފައި ވެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ފަރާތަކަށް އަދި ދައުލަތުގެ ބެލުމުގެ ދަށުން ހިންގާ ޖަލެއްގައި ބަންދުކޮށްފައި ހުރި ފަރާތަކަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ކަށަވަރުކޮށްދިނުން ކަމަށް ބެލެވޭނީ، އެކަން ކުރެވޭނެ އެންމެހާ އިންތިޒާމްތަކެއް، މީގެ ކުރިންވެސް ޢަމަލުކުރަމުން އައިސްފައިވާ ގޮތަށް، ކަމާބެހޭ މުއައްސަސާތަކުން ހަމަޖައްސައިދީގެން ކަމުގައި ޢާއިލާއިން ފާހަގަކުރިއެވެ. މިމުއައްސަސާތަކުން ރައީސް ޔާމީނަށް މިހާތަނަށް މިއިންތިޒާމު ހަމަޖައްސައިދީފައިނުވާ ކަމަށްވެސް ޢާއިލާއިން ބުނެފައިވެއެވެ.

އޭގެ އިތުރަށް ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ އެކި ފަހަރުމަތިން ބުރަދަނެއް ނެތް ވާހަކަތަކެއް ދައްކަވައި، ވަކީލުންގެ ޙައްޤާއި ބޭސްފަރުވާ ހޯދުމުގެ ޙައްޤު ފަދަ އަސާސީ ޙައްޤުތަކަކީ ކުޅޭކުޅޭ ކުޅިވަރެއްގެ ގޮތުގައި ސިފަވާ ގޮތަށް ވާހަކަދެއްކެވުމަކީ ޢާއިލާއިން ކުށްވެރިކުރާ ކަމެއް ކަމުގައި ފާހަގަކޮށްފައިވެއެވެ. އަދި އެފަދަ ވާހަކަދެއްކުމަކީ ދަށުދަރަޖައިގެ ކަމެއް ކަމުގައާއި އެއީ ޢާއިލާއިން ކުށްވެެރިކުރާ ކަމެއް ކަމުގައި ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އެކި ފަހަރު މަތިން މީޑިޔާގައި އެއްވެސް އަސްލެއް އަސާސެއްނެތް ބުހުތާނު ދޮގު ވާހަކަތައް ހޯމް މިނިސްޓަރު ދައްކަވައި، ހިންގި މުޑުދާރު ޢަމަލުތަކުގެ ސަބަބުން ރައީސް ޢަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ އާއިލާއަށް ނަފުސާނީ ގޮތުން ބޮޑެތި ގެއްލުންތަކާއި ހިތާމަ އާއި މޮޅިވެރިކަން ކުރިމަތިވެފައިވާ ކަމުގައި ޢާއިލާއިން ފާހަގަކޮށްފައިވެއެވެ. ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ޤާނޫނު އަސާސީގެ ދަށުން 5 އަހަރުގެ ދައުރެއް ފުރިހަކުރެއްވި ފުރަތަމަ ރައީސުލްޖުމްހޫރިއްޔާއާމެދު މިފަދަ އިހާނެތި ގޮތަކަށް ކަންކުރުމަކީ އެއްވެސް ގޮތަކުން ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމުގައި ޢާއިލާއިން ދެކޭ ކަމަށް އާއިލާގެ ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް ޔާމީންގެ ޢާއިލާއިން ވަނީ، ނޫސް މީޑިޔާއާއި މީސްމީޑިޔާގެ ވަސީލަތްތައް ބޭނުންކޮށްގެން ރައީސް ޔާމީނާއި އެމަނިކުފާނުގެ ޢާއިލާއާމެދު ދޮގު ވާހަކަތައް ފަތުރައި އެމަނިކުފާނަށް ދުއްތުރާކުރުމަށް ހޯމް މިނިސްޓަރު އިމްރާނު އިސްވެ ހުންނަވައި ހިންގާ ހުރިހާ ކަމެއް ކުށްވެރިކޮށްފައެވެ. މިފަދަ ކަންކަމަކީ ދިވެހި މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަ ނަގައިލުމަށް އިންތިޒާމީ ގޮތެއްގައި ރޭވިގެން ހިންގޭ ކަންކަން ކަމުގައާއި، ރައީސް ޔާމީނުގެ އިންސާނީ ޙައްޤުތަކާއި އިސްލާމްދީނުން ކަށަވަރުކޮށްދެއްވާފައިވާ އިންސާނީ ކަރާމާތް ނަގައިލުމަށް ހިންގާ މުޑުދާރު އަމަލެއް ކަމުގައި ޢާއިލާއިން ބުނެފައިވެއެވެ.

ރައީސް ޔާމީނަށް ވަކީލުންނާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ނުދޭ ކަމަށް ވަކީލުން ބުނުމުން ވަޒީރު އިމްރާން ވިދާޅުވެފައިވަނީ ވަކީލުން އެކަމަށް ބޭނުން ނުވަނީ ކަމަށެވެ. އަދި ރައީސް ޔާމީންގެ އެދިވަޑައިގެންނެވުމަށް ރައީސް ޔާމީނަށް ޚާއްޞަކޮށްގެން ފަތާ ފެންގަނޑެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުނެ ވަޒީރު އިމްރާނު ދެއްކެވި ވާހަކަ އަކީވެސް އިތުރުފުޅެއް ކަމަށް ވަކީލުން ބުނެފައި ވެއެވެ. ވަކީލުން ވިދާޅުވީ ރައީސް ޔާމިން އެފަދަ ކަމަކަށް އެދިވަޑައިގެންފައި ނުވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން