ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ސަރުކާރުން ސިފަކޮށްފައިވާ ކަމަށާއި އެހެންވެ އެއްވެސް މީހަކު އެ ބޭންކަށް ފައިސާ ނުލުމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ގޮވާލައްވައިފި އެވެ.

ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް ދީފައިވާ ޑޮލަރު ލިމިޓް އެއްކޮށް ކަނޑާލަން މިދިޔަ އާދިއްތަ ދުވަހު ނިންމި އެވެ. ނަމަވެސް އެ ނިންމުން ހަމަ އެ ދުވަހު ބީއެމްއެލްއިން ވަނީ އަނބުރާ ގެނެސްފަ އެވެ.

ޑޮލަރު ލިމިޓް ކަނޑާލަން ނިންމުމުން ސަރުކާރުން ވަނީ ބީއެމްއެލްއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި އެ ނިންމުމަކީ ސަރުކާރުގެ މަޝްވަރާއާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.

ބީއެމްއެލްއިން ޑޮލަރު ލިމިޓް ކަނޑާލަން ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާއި ބެހޭ ގޮތުން ނޫސްވެެރިންގެ ބައްދަލުވުމެއް ބާއްވައި ހަމަ އެވަގުތު ސޯޝަލް މީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލާ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާ ކަމަށް ބުނެ ފުލުހުން އިއްޔެ ވަނީ އެ މައްސަލަވެސް ބަލަން ފަށާފައެވެ.

އެ ތަހުގީގަށް މައުރޫފް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އެ ތަހުގީގަށް ބަލައި ބީއެމްއެލްއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ބެލެވިދާނެ ކަމަށް ވެސް އޭނާ ސިފަކުރެއްވިއެވެ.

އެހެންވެ އެއްވެސް މީހަކު ބޭންކަން ފައިސާ ނުލުމަށް މައުރޫފް ގޮވާލެއްވި އެވެ.

"ބެންކަށް ފައިސާ ލައިފިއްޔާ އެ ފައިސާ އަނބުރާ ލިބިދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތޭ،" މައުރޫފް އިތުރަށް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން