މިހާރު މި ސަރުކާރުގައި ފެނިގެންދަނީ ގައުމިއްޔަތަށް ޗެލެންޖު ކުރާތަންކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބީއެމްއެލްއާއި ގުޅިގެން ކުރަން އުޅުނީ ބަޣާވާތެއްކަމަށް މި ސަރުކާރުން ބުނެފައިވާތީ އެ ކަމާއި ގުޅޭގޮތުން މިއަދު އެމްޑީޕީގެ ލީޑަރޝިޕުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

އެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ، ބީއެމްއެލްއަކީ ގައުމީ ބެންކު ކަމަށާއި ނަމަވެސް ސްކޭމް ކޯލްތަކުގެ މައްސަލަތަކާއި އެ ނޫންވެސް އެކި ކަންކަމުގައި ބީއެމްއެލްގެ ކްރެޑިބިލިޓީއާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުން ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ބޭންކުން ދައުލަތާއި ދެކޮޅަށް ބަޣާވާތެއް ކުރިކަމުގެ ތުހުމަތު ރައީސުލްޖުމްހޫރިއްޔާއާއި ކެބިނެޓްގެ މިނިސްޓަރުން ކުރެއްވުމާއި އަދި ބެންކުގެ ސީއީއޯ އިސްތިއުފާ ދޭންޖެހޭނެކަމަށް ގޮވާލި ގޮވާލުމުން ދޭހަވަނީ ގައުމީ ވަންތަކަމަށް ކުރައްވާ ޗެލެންޖެއްގެ ގޮތުގައި ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޝާހިދު ވިދާޅުވީ އެގޮތަށް ޗެލެންޖު ކުރުމަކީ ބޮޑު ނުރައްކަލެއް ކަމަށެވެ.

ޝާހިދުގެ ވާހަކައިގައި ވަނީ ޑޮލަރުގެ މައްސަލާގައި ބީއެމްއެލުން އެޅި ފިޔަވަޅާއި ގުޅިގެން ސަރުކާރުން ދެއްކި ބައެއް ވާހަކަތައް ހަމަނުޖެހޭކަމަށް ވިދާޅުވެ އެކަންކަން ވެސް ފާހަގަ ކުރައްވާފައެވެ.

އެގޮތުން ސަރުކާރަށް ތާއީދުކުރާ މަޖިލީހުގެ ބައެއް މެންބަރުން ބެންކުގެ އެ ނިންމުން ދިފާއު ކުރައްވާ ވާހަކަ ދެއްކެވި ކަމަށާއި އަދި ރައީސް އޮފީހުގައި އެ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް މިނިސްޓަރުން ވެސް، މިއީ މިވަގުތު ކުރަން ޖެހިފައިވާ ކަމެއްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވާ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޝާހިދު މިހެން ވިދާޅުވެފައިވާއިރު ރޭ ރައީސް ވެސް ވަނީ ބީއެމްއެލުން ހިންގަން އުޅުނީ ބަޣާވާތެއްކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން