ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ފުރަތަމަ މަޝްރޫއު މި އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެސްއީޒެޑްގެ ފުރަތަމަ މަޝްރޫއެއްގެ ގޮތުގައި ނޮވެންބަރުގައި ފަށާނީ ސޯލާ ސިޓީ މަޝްރޫއު ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން 100 މެގަވޯޓުގެ ކަރަންޓް އުފެއްދޭނެ ކަމަށެވެ. އަދި ސަރުކާރުން ތެލަށް ކުރާ ޚަރަދުގެ ބޮޑު ބައެއް ކުޑަކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ބޭރު ފައިސާ އަށް އެންމެ ބާރު ބޮޑު ކުރާ އެއް ކަމަކީ އިންޕޯޓްކުރާ ތެލަށް ކުރާ ޚަރަދެވެ. އެގޮތުން ދައުލަތުން އަހަރަކު 500-600 މިލިއަން ޑޮލަރާ ހަމައަށް ތެޔޮ ގަންނަ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

މި މަޝްރޫއު ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށާއި ކޮމާޝަލް ކޮންޓްރެކްޓް ޓެކްނިކަލް ކޮންޓްރެކްޓާއި އީއައިއޭ އޮތީ ނިމުމާ ގާތުގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މި މަޝްރޫއަށް އޮކްޓޫބަރު މަހު ފުލް ލައިސަންސް ދީފައި ނޮވެންބަރު މަހު މަސައްކަތް ފިޒިކަލްކޮށް ފެށޭނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދާނީ ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަކްސަސް ޕަވަރ ކޯޕަރޭޝަނާ ހަވާލުކޮށްގެންނެވެ. އެ ކުންފުނީގެ ޓެކްނިކަލް ޕާޓްނަރަކީ ސަންގްރޯ ޕަވަރ ސަޕްލައި ކޮމްޕެނީއެވެ.

މި ސޯލާ މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުގައި 150 މެގަވޮޓްގެ ފްލޯޓިން ފޮޓޯ ވޮލްޓައިކް (ޕީވީ) އިންޖީނުގެއަކާއި އެއާ ގުޅުންހުރި ސިވިލް އަދި އިލެކްޓްރިކަލް އިންފްރާސްޓްރަކްޗާއެއް ގާއިމުކުރާނެއެވެ. އަދި ލީ އޮން ބެޓެރީ ސިސްޓަމަކާއި އެނަރޖީ މެނޭޖްމަންޓް ސިސްޓަމަކާއި މައި ޕަވަރ ގްރިޑާ އިންޓަކަނެކްޝަނަށް ބޭނުންވާ އިންވެސްޓްމަންޓްތަކާ އެކު ގުޅާލެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން