ފުލުހުންގެ އިދާރާ
ފުލުހުންގެ އިދާރާ
އދ. ދިއްދޫ ކައުންސިލްގެ ކުރީގެ ފައިނޭންސް ކޮންސަލްޓަންޓްގެ ޚިޔާނާތުގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ދިއްދޫ ކައުންސިލްގެ އައިޓީ އެންޑް ފައިނޭންޝަލް ކޮންސަލްޓަންޓްގެ މަގާމުގައި ކުރިން ހުރި ފަރާތުން ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ އަންގާރަ ދުވަހު ކައުންސިލުން ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

އަދި އެމައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދިއްދޫ ކައުންސިލްގެ އައިޓީ އެންޑް ފައިނޭންޝަލް ކޮންސަލްޓަންޓަކަށް ކުރިން ހުރި ފ. ނިލަންދޫ، އިގްބާލް ހަމީދުގެ މައްޗަށް ތުހުމަތު ކުރެވެނީ އޮޑިޓާ ޖެނެރަލްގެ އޮފީހަށް ދޮގު މައުލޫމާތު ދިނުމާއި ގަވާއިދުތަކާ ހިލާފަށް ކަންކަން ކުރި މައްސަލައެކެވެ.

އަދި އެ ކައުންސިލްގެ ކުރީގެ ސެކެޓްރީ ޖެނެރަލް ބެހެއްޓުމަށް ކައުންސިލުން ގެއެއް ކުއްޔަށް ހިފުމުގައި ހުރި މައްސަލަތަކެއްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ދިއްދޫ ކައުންސިލްގެ ކުރީގެ ސެކެޓްރީ ޖެނެރަލާއި އައިޓީ އެންޑް ފައިނޭންޝަލް ކޮންސަލްޓަންޓަކީ ދެމަފިރިންނެވެ.

އެ މައްސަލާގައި ދިއްދޫ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އޭރުގެ ސެކްރެޓަރީ ޖެނެރަލާއި އޭނާގެ ފިރިމީހާ އެކަންކަން ކޮށްފައިވަނީ ކައުންސިލަރުންނަށް ވެސް އޮޅުވާލައިގެން ކަމަށެވެ.

ކައުންސިލުން ބުނީ މިދިޔަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހުން ފެށިގެން މިދިޔަ އަހަރުގެ ޖުލައި 23 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލްގެ އެކައުންޓުން އެސްޖީގެ ފިރިމީހާގެ އަމިއްލަ އެކައުންޓަށް، ސަރުކާރުގެ އިމާރާތްތަކުގެ ކަރަންޓު ބިލު ދެއްކުމަށާއި ކައުންސިލަށް ބޭނުންވާ ބައެއް ތަކެތި ގަތުމަށް އެކި ފަހަރު މަތިން 138،517.99 ރުފިޔާ ފޮނުވައިފައިވާ ކަމަށެވެ.

އެހެންކަމުން ދިއްދޫ ކައުންސިލްގެ 2022 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި އަންގާފައި ވަނީ އެރަށު ކައުންސިލްގެ އައިޓީ އެންޑް ފައިނޭންޝަލް ކޮންސަލްޓަންޓް ކައުންސިލްގެ ބޭންކް ސްޓޭޓްމަންޓް ބަދަލުކޮށް، އޮޑިޓަރުންނަށް އޮޅުވާލާފައިވާ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން