ކުޅުދުއްފުއްޓަށް ދިޔަ ގަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީންތަކެއް އިމިގްރޭޝަނަށް ހާޒިރުވުމަށް ނޯޓިސް ހަވާލުކޮށްފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް ރާއްޖޭގެ އެކި ރަށްރަށަށް ދާކަމުގެ ރިޕޯޓު ލިބެމުންދިއުމާ ގުޅިގެން، މިއަދު ލިބުނު މައުލޫމާތަކާއެކު ކުޅުދުއްފުއްޓަށް ދިޔަ ބޯޓެއްގައި ތިބި ބިދޭސީންތަކެއް ވަނީ ބަލައި ފާސްކޮށްފައި ކަމަށެވެ.

މި މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ފުލުހުންނާއި އިމިގްރޭޝަނާ ގުޅިގެންނެވެ. އެގޮތުން، އެ ބޯޓުގައި ދަތުރުކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް ތިބި 09 މީހުނަށް ނޯޓިސްދީ އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި ބޯޓުގެ ކެޕްޓަނަށް ވަނީ ލިޔުމުން ނަސޭހަތްދީފައި ކަމަށާއި އަދި އެންގުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ އިމިގްރޭޝަން ގާނޫނުގެ ދަށުން މިފަރާތްތަކާ މެދު ފިޔަވަޅު އެޅިގެންދާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވަނީ ޚާއްޞަ ޕްރޮގްރާމެއް ފަށާފައެވެ. އެގޮތުން ފާއިތުވި މަސް ދުވަހުގެ ތެރޭގައި ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރަމުންދާ ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގެންފައެވެ.

މި ސަރުކާރުން މިހާތަނަށްވަނީ އެފަދަ 3000 މީހުން ޑީޕޯޓު ކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން