ފޮރިން އިންވެސްޓްމަންޓްގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤު ކުރައްވައިފިއެވެ.

މި ބިލަކީ، 2024 އޯގަސްޓު 22 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ.

މި ޤާނޫނުގެ މަޤުޞަދަކީ ރާއްޖޭގައި ކުރެވޭ ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް، އިންވެސްޓްމަންޓްތައް މެދުވެރިކޮށް ފޮރިން ކެޕިޓަލާއި، ޓެކްނޯލޮޖީ އާއި، ޢިލްމާއި ހުނަރު ގެނައުމަށް ފަހި މާޙައުލެއް އުފައްދައި، ދިވެހިރާއްޖޭގެ އިޤްޠިޞާދު ތަރައްޤީކުރުމަށްޓަކައި ހަރުދަނާ އުޞޫލުތަކެއް ކަނޑައެޅުމެވެ.

މި ބިލުގައި، ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައެޅުމާގުޅޭ އުސޫލުތަކާއި، އެފަދަ ފަރާތްތަކަށް ދިވެހިރާއްޖޭގައި އިންވެސްޓްކުރުމުގެ ހުއްދަ ދޫކުރުމާގުޅޭ އުސޫލުތަކާއި، އެފަދަ އިންވެސްޓަރުންނަށް ލިބިދެވޭނެ ޙިމާޔަތާއި ރައްކާތެރިކަމާގުޅޭ އުސޫލުތަކާއި، އެފަދަ އިންވެސްޓްމަންޓްތައް ދައުލަތަށް ނެގޭނެ ޚާއްޞަ ޙާލަތްތަކާއި އެފަދައިން ނެގޭ އިންވެސްޓްމަންޓްތަކަށް ބަދަލުދެވޭނެ އުސޫލުތަކާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާންކޮށްފައިވެއެވެ.

ހަމައެގޮތަށް މި ބިލުގައި، ބޭރުގެ އެއްވެސް ފަރާތަކަށް ދިވެހިރާއްޖޭގައި ފޮރިން އިންވެސްޓްމަންޓެއް ކުރެވޭނީ، އިންވެސްޓްކުރުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅައި، ފޮރިން އިންވެސްޓްމަންޓް އެޕްރޫވަލް އަދި ލައިސަންސް ހޯދުމަށްފަހުގައިކަންވެސް ބަޔާންކޮށްފައިވެއެވެ. އަދި ފޮރިން އިންވެސްޓްމަންޓްގެ ހުއްދަ ދިނުމުގައި ފުރިހަމަކުރަންޖެހޭ މަރުޙަލާތަކާއި، ފޮރިން އިންވެސްޓްމަންޓް ލައިސަންސް ދިނުމުގެ އިޖުރާއަތުތަކާއި، އިންވެސްޓަރުންގެ ޒިންމާތަކާއި، އިންވެސްޓަރުންނަށް މި ޤާނޫނުން ލިބިދެވޭ ޙިމާޔަތާއި ރައްކާތެރިކަމާ ގުޅޭ މާއްދާތައް މި ބިލުގައި ހިމަނައިފައިވެއެވެ.

އޭގެއިތުރުން، މި ބިލުގައި އިންވެސްޓްމަންޓް ދައުލަތަށް ނެގިދާނެ ޚާއްޞަ ޙާލަތްތަކާއި، ޤާނޫނާ ޚިލާފުވާނެ ޢަމަލުތައް ކަނޑައަޅައިފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 01 މެއި 1979 ގައި ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު ވުޖޫދަށް އައިތާ 45 އަހަރު ފަހުން، މިއީ މި ޤާނޫނަށް ޒަމާނީ ބަދަލެއް ގެނެވުނު ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން