ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީގައި ބަންޑާރަ ނައިބު ނުހިމެނޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.

ޤާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) އަށް ތިން ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ރައީސް މުޢިއްޒު ތަސްދީގުކޮށްދެއްވާފައިވާއިރު މި ބިލަކީ، 2024 އޯގަސްޓު 22 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުގައި، ބަންޑާރަނައިބަކީ މަޤާމުގެ ހައިސިއްޔަތުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއް ކަމުގައި ޤާނޫނުގެ 6 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަނޑައަޅައިފައި އޮތް އޮތުން ބަދަލުކޮށް، ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީއަކީ ހަމައެކަނި ޤާނޫނީ ވަކީލުން އިންތިޚާބުކުރާ ރައީސަކާއި، ނައިބުރައީސަކާއި، މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ކަމުގައި ވަނީ ކަނޑައަޅައިފައެވެ.

މިކަމަށް މަގުފަހިކުރުމުގެ ގޮތުން އެ މާއްދާގައި އެގްޒެކްޓިވް ކޮމިޓީގައި ހިމެނުމަށް ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރެވޭ ވަކީލުންގެ ޢަދަދު 6 އިން 7 އަށް ބަދަލުކޮށް، ޤާނޫނުގައި ބަންޑާރަނައިބާ ގުޅޭގޮތުން ހުރި ބައިތައް އުނިކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން މި ބަދަލާ ގުޅިގެން ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީއަށް އިންތިޚާބުކުރަންޖެހޭ މެންބަރުން، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި އިންތިޚާބުކޮށް ނިންމަންވާނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލުސް އިޞްލާޙު ގެނެސްފައި ދެވަނަ ކަމަކީ ރަސްމީ އިދާރާތަކުންނާއި ރަޖިސްޓަރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން ދޫކުރާ ލިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުމާއި، ބޭރު ޤައުމުތަކުގައި ބޭނުންކުރުމަށްޓަކައި ދިވެހިރައްޔިތުންނަށް ބައެއް ބާވަތުގެ ލިޔެކިޔުންތަކުގައި ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުމުގެ ހުއްދަ ލިބިދެވޭގޮތަށް ޕަބްލިކް ނޯޓަރީންގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ދެވޭ ތަންތަނާ ގުޅޭ މާއްދާއެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢު ކޮށްފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ޤާނޫނު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން