މިދިޔަ އަހަރާ އަޅައިބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 10.5 އިންސައްތަ އިތުރު ވެފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނެރުނު ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.

މި މަހުގެ ދެވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 1،367،825 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،238،275 ފަތުރުވެރިންނެވެ.

މި މަސް ފެށުނު ފަހުން ރާއްޖެއަށް ކޮންމެ ދުވަހަކު ވެސް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވަމުން އަންނަކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 5،560 ފަތުރުވެރިން ރާއްޖެއަށް އަންނަކަމަށް ތަފާސްހިސާބުތަކުން ދައްްކައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއަށް އެންގެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓްގެ އެއް ވަނައިގައި އޮތް ޗައިނާއިން މިއަހަރު ވަނީ 199،316 ފަތުރުވެރިން ރާއްޖެއަށް އައިސްފައެވެ. އަދި ދެވަނައިގައި އޮތް ރަޝިޔާއިން 147،755 ފަތުރުވެރިން އައިސްފައިވާއިރު ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން ރާއްޖެއަށް 117،855 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ހަތަރުވަނައިގައި އޮތް އިޓަލީއިން ރާއްޖެއަށް 101،748 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

ރާއްޖޭގައި މިހާރު 174 ރިސޯޓެއް ހިންގަމުން އަންނަ އިރު، 14 ހޮޓަލަކާއި، 881 ގެސްޓް ހައުސްގެ އިތުރުން، 153 ސަފާރީ އުޅަނދު ވެސް ދަނީ އޮޕަރޭޓު ކުރަމުންނެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނާ ގޮތުގައި މި އަހަރު ސަރުކާރުުގެ އަމާޒަކީ ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން