ހަތް ގައުމެެއްގެ ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ.

ހަތް ގައުމަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އައު ސަފީރުން، އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވާފައި ވަނީ މިއަދު ހެނދުނުއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ސަފީރުން ވަނީ ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

އަލަށް ފަތްކޮޅު އެރުވި ސަފީރުން:

1. ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް އަލްޖީރިއާ: ހިޒް އެކްސެލެންސީ ޑރ އަލީ އަޗޫއީ

2. ރިޕަބްލިކް އޮފް ޖިބޫޓީ: ހިޒް އެކްސެލެންސީ އިސޭ އަބްދުالله އަސޯވޭ

3. ރިޕަބްލިކް އޮފް އަޒަރުބައިޖާން: ހިޒް އެކްސެލެންސީ އެލްޗިން ނަރީމާން އޮގްލޫ ހުސެއިންލީ

4. ރިޕަބްލިކް އޮފް ބަލްގޭރިއާ: ހިޒް އެކްސެލެންސީ ޑރ ނިކޮލައި ޔަންކޯވް

5. ސޯޝަލިސްޓް ރިޕަބްލިކް އޮފް ވިއެޓްނާމް: ހެރް އެކްސެލެންސީ ޓްރިން ތީ ތަމް

6. ޖޯޖިއާ: ހިޒް އެކްސެލެންސީ ވަޚްތަންގް ޖައޯޝްވިލީ

7. ގަތަރުން ޖުމްހޫރީ މޯލްޑިވްސް އަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހިޒް އެކްސެލެންސީ ޖާސިމް ބިން ޖާބިރު ޖޭ.ބީ.

މިއަދު ސަފީރު ކަމުގެ ފަތްކޮޅު އެރުވި ހުރިހާ ސަފީރުންނަކީ ވެސް ނޮން-ރެސިޑެންޓް ސަފީރުންގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނެވެ.

މި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވަނީ ސަފީރުންނާ ބައްދަލުކުރައްވާ ރާއްޖެ އާއި އެ ގައުމުތަކުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރައްވާނެ ގޮތާގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

މިއަދު ސަފީރުން ފަތްކޮޅު އެރުވި ހަތް ގައުމުގެ ތެރެއިން އަލްޖީރިއާއާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1988 ވަނަ އަހަރުގެ މާރިޗް މަހުގެ 8 ވަނަ ދުވަހުއެވެ.

ޖިބޫޓީއާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 2008 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު އެވެ. އަޒަރުބައިޖާންމާ ރާައްޖެ އާއި ސިޔާސީ ގުޅުން ގާއިމުކުރީ 2006 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު އެވެ. ބަލްގޭރިއާ އާއި ރާައްޖެ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 14 އޮގަސްޓް 1984 ގައެވެ. އަދި މިއީ ރާއްޖެ އަށް އެކްރެޑިޓް ކުރެވިފައިވާ ބަލްގޭރިއާގެ ތިން ވަނަ ސަފީރުކަން ފާހަގަ ކުރެވެއެވެ.

މިއަދު ސަފީރުން ފަތްކޮޅު އެރުވި ގައުމުތަކުގެ ތެރެއިން ރާއްޖެ އާއި ވިއެޓްނާމް އާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 20 ޖޫން 1975 ގައެވެ. ރާައްޖެ އާއި ޖޯޖިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރެވިފައިވަނީ 11 މާރޗް 2010 ގައެވެ. އަދި ރާައްޖެ އާއި ގަތަރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 11 މާރޗް 2010 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން