އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު
އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު
ވެރިކަންކުރާ ޕީއެންސީގެ އަމާޒަކީ މިއަހަރުގެ ނޮވެމްބަރުގެ ނިޔަލަށް އެޕާޓީއަށް 75،000 މެމްބަރުން ހަމަކުރުން ކަމަށް އިނގުރައިދޫ ދާއިރާގެ މަޖިލީސް މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ޕީއެންސީން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާޙް ވިދާޅުވީ، ޕީއެންސީން މިހާރު ތައްޔާރުވަމުންދަނީ ރާއްޖޭގައި މިހާތަނަށް ބޭއްވޭނެ ޕާޓީއެއްގެ އެންމެ ބޮޑު އެތެރޭގެ އިންތިޚާބަށް ކަމަށެވެ. އެގޮތުން، މި އިންތިޚާބުގައި އެޕާޓީގެ އެކި މަޤާމުތަކަށް 2095 މެމްބަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން އިންތިޚާބު ކުރާނެކަމަށް ފަލާހް ވިދާޅުވިއެވެ.

އެހެންކަމުން އެޕާޓީން މަސައްކަތް ކުރަމުންދަނީ ނޮވެމްބަރުގެ ނިޔަލަށް ޕާޓީއަށް 75،000 މެމްބަރުން ހަމަ ކުރުމަށް ކަމަށް ފަލާޙް ވިދާޅުވެފައިވެއެވެ. ފަލާހު ވިދާޅުވީ، މިހާރުވެސް 50،000 މެމްބަރުން ހަމަވާ ވަރަށް އެޕާޓީއަށް މެމްބަރޝިޕް ފޯމު ލިބިފައިވާ ކަމަށެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބު އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 19 ވާ ހޮނިހިރު ދުވަހު އެވެ. އެޕާޓީން މިހާރުވަނީ އެއިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ.

އެގޮތުން ދާއިރާތަކުގެ ރައީސުންނާއި ނައިބުރައީސުން އަދި ރަށްރަށުގެ ޒުވާނުންގެ ހަރަކާތުގެ ރައީސުންނާއި ރަށްރަށުގެ އަންހެނުންގެ ހަރަކާތުގެ ރައީސުންނާއި ސްޓިއަރިން ކޮމިޓީތަކުގެ މެންބަރުން އިންތިހާބުކުރަން ހުޅުވާލާފައިވެ އެވެ.

ޕީއެންސީން ބުނީ ޕީއެންސީގެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރައްވާ ދާއިރާތަކުގެ ރައީސުންނަކީ އެ ދާއިރާއެއްގެ މަޖިލިސް މެންބަރުން ކަމަށެވެ.

އެހެންކަމުން ޕީއެންސީގެ 75 ދާއިރާއެއްގެ ރައީސުންގެ ގޮތުގައި ތިއްބަވާނީ އެ ދާއިރާތަކުގެ މިހާރުގެ މަޖިލިސް މެންބަރުންނެވެ. ބާކީ 18 ދާއިރާގެ ދާއިރާ ރައީސުން އިންތިހާބުކުރާއިރު 93 ދާއިރާއެއްގެ ދާއިރާ ނައިބުރައީސުންގެ މަގާމަށް ކުރިމަތިލުމަށްވަނީ ހުޅުވާލާފަ އެވެ.

“ދާއިރާ ރައީސުންނާއި ދާއިރާ ނައިބުރައީސުންގެ ގޮތުގައި ޖުމްލަ 111 ބޭފުޅަކު އިންތިހާބުކުރުން އޮންނާނެ އެވެ.” ޕީއެންސީން ބުނެފައިވެއެވެ.

އޭގެއިތުރުން ކޮންމެ ރަށަކާއި ކޮންމެ ސިޓީއަކުން ޒުވާނުންގެ ހަރަކާތުގެ ރައީސަކާއި އަންހެނުންގެ ހަރަކާތުގެ ރައީސެއް އިންތިހާބުކުރާއިރު ޒުވާނުންގެ ހަރަކާތާއި އަންހެނުންގެ ހަރަކާތުގެ ރައީސުންގެ ގޮތުގައި ޖުމްލަ 420 މެންބަރުން އިންތިހާބުކުރުމަށް ޕީއެންސީން ވަނީ ހުޅުވާލާފައެވެ.

ހަމައެއާއެކު 3،000 އަށްވުރެ އާބާދީ ކުޑަ ކޮންމެ ރަށަކުން ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ސްޓިއަރިން ކޮމިޓީ އަކާއި 3،000 އަށްވުރެ ބޮޑެތި އާބާދީތައް އޮތް ރަށްރަށުން ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ސްޓިއަރިން ކޮމިޓީއެއް އިންތިހާބުކުރާނެ އެވެ. އަދި ސިޓީތަކުގައި ކޮންމެ ދާއިރާއަކުން ސްޓިއަރިން ކޮމިޓީއެއް ހޮވާނެ އެވެ. ސްޓިއަރިން ކޮމިޓީތަކުގައި އާންމު މެންބަރުންގެ އިތުރަށް އަންހެނުންގެ މެންބަރަކާއި ޒުވާނުންގެ މެންބަރަކު ހިމެނޭނެ އެވެ.

ޕީއެންސީން ބުނީ ސްޓިއަރިން ކޮމިޓީތަކުގެ އާންމު މެންބަރުންގެ ގޮތުގައި 1،144 މެންބަރުން އަދި ޒުވާނުންގެ މެންބަރުންނާއި އަންހެނުންގެ މެންބަރުންގެ ގޮތުގައި 420 މެންބަރުން އިންތިހާބުކުރަންވަނީ ހަމަޖެހިފައި ކަމަށެވެ.

މި އިންތިހާބަށް ކުރިމަތިލުމުގެ މުހުލަތަކީ މިއަދުން ފެށިގެން 30 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ އިރުއޮއްސި 18:00 އާ ހަމައަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން