އައްޑޫސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިސްނަގައިގެން އެ ސިޓީގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީވެރިންނަށް އަމާޒުކޮށްގެން ބޮޑު އެކްސްޕޯއެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

"އަފިރިންގެ އެކްސްޕޯ 2024" ގެ ނަމުގައި އައްޑޫގައި ބާއްވާ މި އެކްސްޕޯ އަކީ މުޅި އައްޑޫ ސިޓީ އަށް ހުޅުވާލައިގެން ބާއްވާ އެކްސްޕޯ އެއް ކަމަށް އައްޑޫސިޓީ އ.ތ.މ ކޮމިޓީގެ ރައީސާ ނުސްރަތް ރަޝީދު (ނުސްރާ) ވިދާޅުވިއެވެ.

މި އެކްސްޕޯގެ މައިގަނޑު މަގްސަދަކީ އިގްތިސާދީ ގޮތުން އަންހެނުން ފުދުންތެރި ބަޔަކަށް ހެދުމަށާއި އެފަރާތްތަކުން ކުރައްވާ އަތްތެރި މަސައްކަތްތަކަށް މާކެޓް ހޯދައި ދިނުން ކަމަށް ނުސްރާ ވިދާޅުވިއެވެ. އަދި މި ހަރަކާތުގެ އަމާޒަކީ މިއީ އައްޑޫގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު އެކްސްޕޯ އަށް ވެގެން ދިއުން ކަމަށް ނުސްރާ ވިދާޅުވިއެވެ.

މި އެކްސްޕޯގައި ޖުމްލަ 50 ސްޓޯލް ހުންނާނެ ކަމަށް ނުސްރާ ވިދާޅުވިއެވެ. އަދި ސްޓޯލް ތަކަށް ކުރިމަރިލުމަށް ހުޅުވާލުމުން ހުރިހާ ސްޓޯލްތަކެއް މިހާރު ނަގާފައިވާ ކަމަށް ނުސްރާ ވިދާޅުވިއެވެ. ހުރިހާ ސްޓޯލް އެއްގައިވެސް އައްޑޫގެ ރައްޔިތުންގެ އަތްތެރި މަސައްކަތްތަކާއި އެކި ކަހަލަ ކާބޯތަކެތި ހުންނާނެ ކަމަށާއި ހުރިހާ ސްޓޯލްތަކެއްގައިވެސް ކާބޯތަކެތީގެ ރަހަ ބެލޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމަށް ނުސްރާ ވިދާޅުވިއެވެ.

މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ވިޔަފާރި ރަޖިސްޓަރ ނުކުރާ ފަރާތްތައް ބިޒްނަސް ސެންޓަރ ގައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވައި ނުސްރާ ވިދާޅުވީ އެ އިދާރާގެ އެއްބާރުލުންވެސް މިކަމުގައި ލިބިގެންދާ ކަމަށެވެ.

ނުސްރާ ވިދާޅުވީ މި ހަރަކާތުގައި އައްޑޫގެ ތިން ރިސޯޓަކުން ފަތުރުވެރިން ޒިޔާރަތް ކުރާ ގޮތަށް ރިސޯޓްތަކުގެ އިސްވެރިންނާ މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި ގިނަ ބަޔަކަށް މި އެކްސްޕޯގައި ބައިވެރި ވެވޭނެ ގޮތަށް އާއިލާއާ އެއްކޮށް އަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކުޑަކުދިންނަށް ހާއްސަ ސްޓޯލެއް ހުންނާނެ ކަމަށްވެސް ނުސްރާ ވިދާޅުވިއެވެ.

ކޮންމެ ދުވަހެއްގެ މެންދުރު 14:00 އިން އިރުއޮއްސި 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 އަށް މި ބިޒްނަސް އެކްސްޕޯ ހުޅުވިފައި ހުންނާނެ ކަމަށް ނުސްރާ ވިދާޅުވިއެވެ.

އެކްސްޕޯ އަށް ޒިޔާރަތް ކުރައްވާ ކޮންމެ ފަރާތަކަށް ވެސް އެކްސްޕޯ އަށް ވަނުމުގެ އެންޓްރީ ކޫޕަނެއް ލިބޭނެ ކަމަށާއި ގުރުއަތުން ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމުތައްވެސް ލިބިގެންދާނެ ކަމަށް ނުސްރާ ވިދާޅުވިއެވެ. މި ކޫޕަންތަކަށް ގުރު ނެގުން އޮކްޓޫބަރ ފަހެއްގެ ހަވީރު ބާއްވާނެ ކަމަށްވެސް ނުސްރާ ވިދާޅުވިއެވެ.

އޮކްޓޫބަރ މަހުގެ 3, 4, އަދި 5 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސްޕޯ އޮންނާނީ ހިތަދޫ ނޫރާނީ ސްކޫލްގައެވެ.

ނުސްރާ ވިދާޅުވީ އެކްސްޕޯއަށް ގިނަ ފަރާތްތަކުން ސްޕްންސާ ދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އެސްޓީއޯ ފާހަގަ ކުރެވޭ ކަމަށެވެ. އަދި މިހާރުވެސް ސްޕޮންސާ ދިނުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮތްކަން ނުސްރާ ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން