އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާ މަޝްރޫޢުތަކަށް މިއަހަރުގެ މިހާތަނަށް 50.7 މިލިއަން ރުފިޔާ ދޫކޮށްފި އެވެ. 

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުން މިހާރު 25 މަޝްރޫއެއް ކުރިއަށްދާ ކަމަށެވެ.

އޭގެ ތެރޭގައި 21 މިސްކިތެއްގެ މަސައްކަތާއި ދެ އިސްލާމިކް ސެންޓަރެއްގެ މަސައްކަތާއި، އެއް ޤުރުއާން ސެންޓަރުގެ މަސަައްކަތުގެ އިތުރުން ސެޓުލްމަންޓު އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރިއަށްދާ އެއް މިސްކިތް ހިމެނޭ ކަަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެ މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށާއި އަދި އިތުރު މަޝްރޫއުތަކުގެ ދުވެލި އަވަސް ކުރުމަށް މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

އޭގެ އިތުރުން މި ދައުރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ މަޝްރޫޢުކަމަށްވާ ހުޅުމާލޭގައި އިމާރަތްކުރާ ވަޤްފް ބިލްޑިންގ، ދާރުލް ސަލާމްގެ މަސައްކަތާއި މާލޭގައި އިމާރާތްކުރާ ދާރުލް އަރުޤަމްގެ މަސައްކަތް ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައްވެސް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެގޮތުން ދާރުލް ސަލާމްގެ ޑިޒައިން އަދި ކުރެހުމުގެ މަސައްކަތް ނިންމާ ކޮންޓެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޕްރޮޕޯސަލް ހުށައެޅުމަށް މިހާރު ހުޅުވާލާފައިވާއިރު ދާރުލް އަރުޤަމްގެ ކޮންސެޕްޓް އަދި ތަފްސީލީ ކުރެހުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން