އިންޑިއާގައި ފަރުވާދެމުން ދިޔަ މީހަކަށް އާސަންދަ ކަނޑާލިކަމަށް ބުނާ ވާހަކަ އާސަންދަ ކުންފުނިން ދޮގުކޮށްފިއެވެ.

އާސަންދައިގެ ދަށުން ބެންގަލޫރުގެ އެސްޓަރ ސީއެމްއައި އިން ފަރުވާ ހޯދަމުންދިޔަ ބަލިމީހަކަށް އާސަންދަ އެއްކޮށް ކަނޑާލައި ޢާއިލާއެއް ހާލުގައި ޖައްސާފައިކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެހެން ނަަމަވެސް އާސަންދަ ކުންފުނިން މިއަދު ނެރުނު ބަޔާނުގައި ބުނީ މިއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

އެ ކޭސްގެ ތަފްސީލަށް ދަމުން އާސަންދައިން ބުނީ 65 އަހަރުގެ އެ ބަލިމީހާ އަކީ އެއަރ އެމްބިއުލާންސް މެދުވެރިކޮށް ސައުދީ ޢަރަބިއާގެ ޖިއްދާއިން އިންޑިއާއަށް ޒަކާތު ފަންޑުގެ އެހީގައި ގެންދިޔަ މީހެއް ކަމަށާއި އެގޮތުން އާސަންދަ، އެންސްޕާ އަދި ޒަކާތު ފަންޑު ހިމަނައިގެން ދައުލަތުގެ ފަރާތުން އެހީގެ ގޮތުގައި ގާތްގަނޑަކަށް 1.5 މިލިއަނަށްވުރެ ގިނަރުފިޔާ އެފަރާތަށްވަނީ ހަމަޖައްސައިދީފައިވާ ކަމަށެވެ.

އޭނާއަށް ފަރުވާދެމުންދަނީ ހައިޕޮކްސިކް އިސްކެމިކް އެންސެފަލޯޕެތީއަށް ކަމަށާއި އިންޓެންސިވް ރިހެބިލިޓޭޝަން (ފިޒިކަލް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް އެންޑް ސްވޮލޯވިންގ ތެރަޕީ އަދި ހައިޕަރބަރިކް އޮކްސިޖަން ތެރަޕީ) އަށް އެޑްމިޓް ކުރުމަށް އެސްޓަރ ސީއެމްއައި އިން އާސަންދައަށް ރިކުއެސްޓް ފޮނުވީ މިދިޔަ މާޗު މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.

އަދި ބަލިމީހާގެ ހާލަތު ފުރިހަމައަށް އިވެލުއޭޓްކުރުމަށްފަހު، މިދިޔަ މަހުގެ 18 އާއި ހަމައަށް ހޭދަވީ މުއްދަތުގައި ހޮސްޕިޓަލުން ފޮނުވި ހުރިހާ އިންޓެރިމް ބިލްތައް އާސަންދައިން އެޕްރޫވްކުރި ކަމަށެވެ.

އެހެން ނަމަވެސް ގާތްގަނޑަކަށް 5 މަސްދުވަހުގެ މުއްދަތަށްފަހު، ބަލިމީހާގެ ހާލަތަށް ބަދަލެއް އައިސްފައި ނުވާތީ، އިތުރު ސަޕޯޓިވް ކެއަރ ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ވެންޓިލޭޓަރ ސަޕޯޓާއެކު ބަލިމީހާ އަނބުރާ ގެނައުމަށް މިިދޔަ މަހުގެ 14 ވަނަ އާއިލާއާ ވާހަަކަ ދެއްކި ކަމަށް އާސަންދައިން ބުނެއެވެ.

އަދި ރާއްޖޭގައި އޯލްޓަނޭޓިވް ރިހެބިލިޓޭޝަން އޮޕްޝަންތައް ހުރިކަމާއި ރާއްޖެއިން ބޭރުން ދިގު މުއްދަތަކަށް ރިހެބިލިޓޭޝަން ދިނުމަކީ އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ކަމެއްކަން އާއިލާއަށް ކިޔައިދީ، ރާއްޖޭގައި ކުރިއަށް ގެންދެވޭނެ ފަރުވާ ޕްލޭނަކާއެކު ތިން ދުވަހުގެ ތެރޭގައި ބަލިމީހާ އަނބުރާ ރާއްޖެއަށް ބަދަލުކުރުމާ ގުޅޭގޮތުންވެސް އާއިލާއާ ވާހަަކަ ދެއްކި ކަމަށް ވެސް އާސަންދައިން ބުނެފައި ވެއެވެ.

އާސަންދައިން ބުނީ މިދިޔަ މަހުގެ 18 އާ ހަމައަށް ބަލި މީހާގެ ހޮސްޕިޓަލުގެ ބިލަށް 89،339.91 ޑޮލަރު އަރާފައި އޮތް ކަމަށާއި، އޭގެ ތެރެއިން އާސަންދަ ކަވަރުނުކުރާ އަދަދުތައް އުނިކޮށް 85،989.15 ޑޮލަރު އާސަންދައިގެ ދަށުން ހަމަޖައްސައިދިން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން