ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ފަައިސާ ދެއްވާ ކަމަށް ބުނާ ވާހަކަތަކަކީ ދޮގެއް ނަމަ އެހާ ބޮޑަށް ސަރުކާރުން ތުރުތުރު ނާޅާނެ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މެންބަރުންނަށް ފައިސާ ދެއްވާ ކަމަށް އިދިކޮޅު މީޑިއާތަކުން ފަތުރާ ވާހަކަތައް ދޮގުކޮށް ސަރުކާރުން ވަނީ އެ ވާހަކަތައް ފެތުރި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. އަދި ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ އެ ވާހަކަ ތަކަކީ ރައީސް ޔާމީން އަޑީގައި ހުންނަވައިގެން ކުރުވަމުން ގެންދާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ އަދަދު ނޫހަށް ފިޔަވަޅު އަޅާނެކަމަށް ވިދާޅުވުމުން ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ. އަދި ރާއްޖޭގައި މިހާރު ހިޔާލު ފާޅުކުރުމުގެ މިިނިވަންކަން އޮތްތޯ ވެސް އެމަނިކުފާނު ސުވާލު ކުރެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށާއި އެ މިނިވަންކަމާއެކު ޑިމޮކްރަސީގައި ވެރިއަކަށް ކުރިއަށްދާން ކެރެން ވެސް ޖެހޭނެ ކަމަށެވެ.

"ނޫހެއްގައި އެ ވާހަކަ ލިޔުނީމާ، އެ ލިޔާ ވާހަކައިގެ އެއްވެސް އޮއްޓަރެއް މަސްދަރެއް ނެތް ކަމަށް ވަންޏާ ކީއްކުރަންތޯ އެހާވަރަށް ރެޓްލްވާންވީ؟ ކީއްކުރަންތޯ އެހާވަރަށް ތުރުތުރު އަޅަންވީ؟" ރައީސް ޔާމީން ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއެކު ޑިމޮކްރަސީގައި ވެރިއަކަށް ކުރިއަށްދާން ކެރެން ވެސް ޖެހޭނެ ކަމަށް ރައީސް ޔާމިން ވިދާޅުވިއިރު ޚިޔާލުފާޅުކޮށްގެން މިހާތަނަށް އެންމެ ގިނަ މީޑިއާތަކާއި އަދި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅައި އަދަބު ދީފައި ވަނީ ރައީސް ޔާމިން ގެ ވެރިކަމުގައެވެ. އަދި ނޫސްވެރިންނާއި ޚިޔާލުފާޅުކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް އަބުރުގެ ގާނޫނު ހަރުކަށިކޮށް ފާސްކޮށް އެ ގާނޫނަށް އަމަލުކުރީވެސް ރައީސް ޔާމީންގެ ވެރިކަމުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން