ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޒާން ލިއޮން (ވ) އާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޒާން ލިއޮން (ވ) އާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
ޗައިނާގެ ނިޔަތް ސާފު ކަމަށާއި، ޗައިނާއަށް ފައިދާވެ އަދި ރާއްޖެއަށް ގެއްލުންވާ ފަދަ މަކަރުވެރި ނިޔަތެއް ޗައިނާއިން ނުގެންގުޅޭ ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒާން ލިއޮން ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެެއްގައި ޗައިނާ ސަފީރު ވިދާޅުވެފައި ވަނީ ޗައިނާއިން ތަރައްގީ ވަމުން އަންނަ ގައުމުތަކަށް އެހީވަނީ ދެ ގައުމުގެ ވެސް ގުޅުމާއި ކުރިއެރުމާ ފައިދާއަށް ކަމަށެވެ. އަދި ތަރައްގީ އަށް އެހީވެދޭ އެހެން ގައުމުތަކާއި ދެކޮޅުވެރި ވުމަކީ ޗައިނާގެ މަގުސަދު ނޫން ކަމަށް ސަފީރު ވިދާޅުވިއެވެ.

އިންޑިއާ އިން ޗައިނާ އާއި ވާދަކޮށް ރާއްޖެ ހޯދައިފި ކަމަށް ބުނެ "ދަ ޑިޕްލޮމެޓް" ކިޔާ ނޫހެއްގައި ލިޔެފައިވާ ލިޔުމަކާއި ހަވާލާދީ ސަފީރު ވިދާޅުވީ ރާއްޖެ އާއެކު ޗައިނާއިން ބާއްވާ ގުޅުމުގެ ސަބަބުން ދެ ގައުމަށް ވެސް ފައިދާ ވާނެ ކަމަށެވެ. މީގެއިތުރުން ޗައިނާގެ ނިޔަތަކީ އަބަދުވެސް ރާއްޖެއަށް އެހީތެރިވުން ކަމަށާއި، ޗައިނާއަށް ފައިދާވެ އަދި ރާއްޖެ އަށް ގެއްލުންވާ ފަދަ ގުޅުމެއް އުފައްދަން އެޤައުމުން ބޭނުން ނުވާކަމަށެވެ.



ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާ އިން ވަނީ ރާއްޖެއަށް ގިނަ ގުނަ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި އެސަރުކާރުން ރާއްޖޭގައި ހިންގި ގިނަ މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައިވަނީ ޗައިނާ ސަރުކާރާއި ޗައިނާގެ ކުންފުނިތައް މެދުވެރިކޮށެވެ. އެ މަސައްކަތްތަކަށް ނަގާފައިވާ ލޯނު ތަކުގެ ސަބަބުން ރާއްޖެ ވަނީ ޗައިނާއަށް ނިސްބަތުން ވަރަށްބޮޑަށް ދަރަނިވެރިވެފައި ކަމަށް މިހާރުގެ ސަރުކާރުން ވަނީ ބުނެފައެވެ. ޚާއްޞަކޮށް މިސަރުކާރުން ގެންގުޅޭ އިންޑިއާ ފަސްޓް ސިޔާސަތާއެކު ޗައިނާއާ ދުރަށް ދިއުމުގެ ސިޔާސަތުގެ ދަށުން ޗައިނާއާ ދެކޮޅަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ ބެފުޅަކީ ރައީސް ނަޝީދެވެ.

ރާއްޖޭގެ ވެރިކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވަޑައިގަތުމަށްފަހު ޗައިނާއާއި ރާއްޖެއާއި ދެމެދުގައި އޮތް ގުޅުން ހީނަރުވެ، ޗައިނާގެ ވިޔަފާރީގެ ޒަމާންވީ ވާދަވެރިޔާ އިންޑިޔާ އާއި އެކު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފައެވެ. އިންޑިޔާއިން މިފަހުންވެސް ވަނީ ރާއްޖެއަށް 750 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ހަމަޖައްސައިދީ ރައީސް ޞާލިޙް ގްރޭޓަރ މާލެ ސަރަޙައްދުގައި ތަރައްޤީ ކުރުމަށް ވަޢުދުވި ބްރިޖް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދީފައެވެ. މިފައިސާގެ ޕެކޭޖްގައި ހިމެނޭ ބޮޑުބަޔަކީ ލޯނު އެހީއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން