މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.4 މިލިއަނަށް އަރައިފިއެވެ.

ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު މި އަހަރު ފެށުނު ފަހުން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ޗައިނާއިން ފަތުރުވެރިން އައި މިންވަރުވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އިއްޔެ އާއްމު ކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރު 15 އާ ހަމައަށް ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން ވަނީ އައިސްފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 1.2 މިލިއަން ފަތުރުވެރިންނެވެ.

މިހިނގާ ސެޕްޓެމްބަރު މަހު ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަށްބަލާއިރު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަަލަށް 62،561 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައިސްފައި ވަނީ 60،251 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ދިހަ ގައުމުގެތެރެއިން 207،749 ފަތުރުވެރިންނާއެކު އެންމެ ކުރީގައި އޮތީ ޗައިނާއެވެ. ދެވަނައިގައި 154،178 ފަތުރުވެރިންނާއެކު ރަޝިޔާ އެވެ.

އިނގިރޭސިވިލާތް ތިންވަނައިގައި ހިމެނޭއިރު އެގައުމުން 121،903 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ.

4- އިޓަލީ، 103،752 ފަތުރުވެރިން،

5- ޖަރުމަން، 100،420 ފަތުރުވެރިން،

6- އިންޑިއާ، 85،894 ފަތުރުވެރިން،

7- އެމެރިކާ، 48،180 ފަތުރުވެރިން،

8- ފްރާންސް، 40،196 ފަތުރުވެރިން،

9- ސްޕެއިން، 31،885 ފަތުރުވެރިން،

10- ސްވިޒަލޭންޑް، 26،441 ފަތުރުވެރިން.

ރާއްޖޭގައި މިހާރު 174 ރިސޯޓެއް ހިންގަމުންދާއިރު، 14 ހޮޓެލަކާއި، 881 ގެސްޓް ހައުސްގެ އިތުރުން، 153 ސަފާރީ އުޅަނދު ވެސް ދަނީ އޮޕަރޭޓު ކުރަމުންނެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނާ ގޮތުގައި މި އަހަރު ސަރުކާރުުގެ އަމާޒަކީ ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން