މަރަދޫ ހެލްތު ސެންޓަރުގައި މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭތީ ރައްޔިތުން ނުކުމެ އިއްޔެ ހަވީރު މަރަދޫ ހެލްތު ސެންޓަރުގެ ވެރިޔާ އިބްރާހިމް މުފީދު ހެލްތު ސެންޓަރުން ބޭރުކޮށްލައިފިއެވެ.

އައްޑޫ ސިޓީ މަރަދޫ ހެލްތު ސެންޓަރު ހިންގުމާއި ޙަވާލުވެހުންނެވި ސީނިއާރ އެޑްމިނިސްޓްރޭޓަރ އިބްރާހިމް މުފީދު އެތަނުގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭތީ މީސްމީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި އެތަނުގެ މުވައްޒަފުން ވަނީ ވާހަކަ ދައްކާފައެވެ. އަދި އެކަން ހުއްޓުވުމަށް އެ ސެންޓަރު އިސް ވެރިންގެ ފަރާތުންވެސް އެދިފައިވީނަމަވެސް އެކަމަށް ހައްލު ނުލިބޭ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ދަށުން ހިންގާ މަރަދޫ ހެލްތު ސެންޓަރުގައި ޖުމްލަ 38 މުވައްޒަފުން މަސައްކަތް ކުރެއެވެ. ތަފާތުކުރުން އިންތިހާއަށް ގޮސް ހައްލެއް ނުލިބުމުން މުވައްޒަފުން ވަނީ އޭއީއެޗްގެ ސީއީއޯ އަށް ވެސް ގުޅައި މިކަމުގެ ޝަކުވާތައް ދަންނަވާފަ އެވެ.

މި މައްސަލަ އާއި ގުޅިގެން ރަސްމީ ފަރާތަކުން އަދި އެއްވެސް ވާހަކައެއް ދައްކާފައި ނުވާއިރު މަރަދޫ ހެލްތު ސެންޓަރުގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތަކުން ދަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މަރަދޫ ހެލްތު ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފަކު އޭނާ އަށް ފުރައްސާރަ ކުރާތީ އެކަމުގެ ޝަކުވާތައް ސެންޓަރުގެ އިސް ވެރިންނަށް ދަންނަވާފައިވާއިރު އެ ލިޔުމުގެ ފޮޓޯއެއްވެސް ވަނީ މީސް މީޑިޔާގައި ހިއްސާ ކޮށްފައެވެ. އެ ސިޓީގައި މުވައްޒަފު ވަނީ އޭނާއަށް އެތަނުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ތަކުރާރުކޮށް އެކި ފަހަރުމަތިން ފުރައްސާރަކޮށް ޒާތީ ވާހަކަތައްވެސް ދައްކާފައިވާ ކަމަށް ބުނެފައި ވެއެވެ.

މުވައްޒަފު ބުނީ އޭނާގެ ކުރިމަތީގައާއި އެކި ތަންތަނުގައި ތިބެވެސް އޭނާގެ ވާހަކަ ދައްކަމުންދާ ކަމަށާއި އެކަން ނުކުރުމަށް އެދުމުން ޖޯކު ޖަހާފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން މަރަދޫ ހެލްތު ސެންޓަރުގެ އިސްވެރިން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މި މައްސަލައިގައި މަރަދޫ ހެލްތު ސެންޓަރުގެ ވެރިޔާ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު ރައްޔިތުން ވަނީ އޭނާ އަކީ އެ ސެންޓަރަށް އެއްވެސް މަސައްކަތެއް ކޮށް ނުދޭ އަދި މުވައްޒަފުންނާމެދު ކަމޭ ނުހިތާ މީހެއް ކަމަށް ބުނެ އޭނާ ސެންޓަރުން ބޭރުކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން