މަސްވެރިކަމުގެ ސިނާއަތު އިތުރަށް ތަރައްގީކުރަން އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް، އިފާޑާއެކު މަޝްވަރާކޮށްފި އެވެ.

އެމަޝްވަރާތައް ކުރިއަށް ދިޔައީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އިފާޑުގެ ކަންޓްރީ ޑިރެކްޓަރ ޝެރީނާ ތަބައްސުމްއާއެކު އިއްޔެ ހަވީރު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.

އެގޮތުން އެ ބައްދަލުވުމުގައި ރާއްޖޭގެ މަސްވެރި ސިނާއަތް ތަރައްގީކުރުމަށް އިފާޑުގެ އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރިކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ އިފާޑުން މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިކަން ތަރައްގީކުރުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން މެރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމަށް ގެންގުޅުއްވާ ވިސްނުންފުޅު ހިއްސާކުރެއްވައިފަ އެވެ.

އަދި މެރިކަލްޗަރ ތަރައްގީ ކުރުމަށް ފިޝަރީޒް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައްވެސް އޭނާ ހިއްސާ ކުރެއްވި އެވެ.

ހަމަ އެހެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން މަސް ޕްރޮސެސްކުރުމުގައި އަންހެނުންގެ ދައުރު ފާހަގަކުރައްވާ، އެ ފަރާތްތަކަށް އެހީ ބޭނުންވާ ދާއިރާތައް ވެސް ވަނީ ހިއްސާ ކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި އިފާޑުގެ ކަންޓްރީ ޑިރެކްޓަރ ޝެރީނާ ތަބައްސުމް ވެސް ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އެހީތެރިވުމަށް ގުޅިގެން މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން