ރާއްޖެއިން އެދުނުގޮތަށް 50 މިލިއަން ޑޮަލަރުގެ ލޯނު ދެއްކުމުގެ މުއްދަތު އިންޑިއާއިން އިތުރުކޮށްދީފި އެވެ.

މިއީ ކުރީ ސަރުކާރުގައި ބަޖެޓު ސަޕޯޓަށް އިންޑިއާގެ އެސްބީއައި މެދުވެރިކޮށް ނަގާފައިވާ ޓްރެޝަރީ ބޮންޑަށް ރާއްޖެއިން ދައްކަން ޖެހޭ 150 މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން ދައްކަން ޖެހޭ 50 މިލިއަން ޑޮލަރެވެ.

ޓްރެޝަރީ ބިލުގެ ލޯނުގެ ފުރަތަމަ ބަޔަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު މިދިޔަ ޖެނުއަރީ މަހު ސަރުކާރުން ދެއްކި އެވެ. އަދި ދެވަނަ ބަޔަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު މިދިޔަ މޭ މަހު ސަރުކާރުން އެދިގެން އިންޑިއާއިން އިތުރު އެއް އަހަރަށް ފަސްކޮށްދިނެވެ.

އަދި މި އަހަރުގެ މެއި މަހުގެ 8 އިން 10 އަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ޓްރެޝަރީ ބޮންޑުގެ ލޯނަށް ދައްކަން ޖެހޭ ބާކީ 50 މިލިއަން ޑޮލަރުގެ ލޯނު ދެއްކުން ފަސްކޮށްދިނުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު އޮތީ އެދިވަޑައިގެންފަ އެވެ.

ފޮރިން މިނިސްޓްރީން މިރޭ ބުނީ ސަރުކާރުން އެދުނު ގޮތަށް އެ ލޯނު ދެއްކުން އެއް އަހަރަށް ފަސްކޮށްދޭން އިންޑިއާއިން މިހާރު ނިންމާފައިވާ ކަމަށެވެ.

އިންޑިއާއިން ދިން މި ލުޔަކީ އިންޑިޔާ ސަރުކާރުން ދިވެހި ސަރުކާރާމެދު ޒަމާނުއްސުރެ ދޭ އަހަންމިއްޔަތުކަން އަނެއްކާވެސް ދައްކުވައިދޭ ރަމްޒެއް ކަމަށާއި އަދި ދިވެހި ސަރުކާރުން އުންމީދުކުރަނީ، ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި ތަނަވަސްކަމަށްޓަކައި، މި ގުޅުން އިތުރަށް ބަދަހިވެގެންދިއުން ކަމަށް ވެސް ފޮރިން މިނިސްޓްރީން މިރޭ ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން