އިމާމުންގެ މަހާސިންތާ
އިމާމުންގެ މަހާސިންތާ
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އިމާމުންގެ މަހާސިންތާ ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އެމިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދާ މި މަހާސިންތާގައި 208 އިމާމުން ހާޒިރުވެގެން ބައިވެރިވެފައިވާ ކަމަށާއި، 300 އިމާމުން އޮންލައިންކޮށް ބައިވެރިވާ ކަމަށެވެ.

މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވީ އިމާމުން ބިނާކުރުމަށާއި ތަމްރީން ކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަމަށެވެ. އެގޮތުން އިމާމުންގެ އޮނިގަނޑުގެ މަސައްކަތް ވަރަށް އަވަހަށް ނިންމަވާނެކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

އޭގެއިތުރުން ޑރ. ޝަހީމް ވިދާޅުވީ އިސްލާމް ދީނުގައި މިސްކިތްތަކަކީ ދީނީ އުންމަތެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއެއް ކަމަށާއި މިކަންކަން އިމާމުންނަށް އެނގެންޖެހޭ ކަމަށެވެ. އަދި މިކަމާ ބެހޭގޮތުން މަހާސިންތާގައި މައުލޫމާތު ދެއްވާނެ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

ހަމައެއާއެކު މި މަހާސިންތާގައި ފިކުރީ ގޮތުން އިސްލާމީ މުޖުތަމައަށް ކުރިމަތިވާ ގޮންޖެހުންތަކާއި މުޖުތަމައުގައި އިމާމުން ދައުރާއި އިސްލާމީ އުންމަތް ބިނާކުރުމުގައި މިސްކިތުގެ ދައުރުގެ މައްޗަށް އަލިއަޅުވާލާ އިމާމުން ތަމްރީންކުރެވޭނެ ކަމަށް އިސްލާމިލް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ފަސް ސެޝަނަކަށް ބަހައިލައިގެން ބާއްވާ މިމަހާސިންތާ މިއަދުގެ ނިޔަލަށް ކުރިއަށްދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން