ބަޖެޓުގެ ދަތިކަމުން އަރައިގަތުމަށް އޮމާންގެ އެހީއަށް ރައީސް މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ރައީސް އެފަދައިން އެދިވަޑައިގެންނެވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޮމާންގެ ޚާރިޖީ ވަޒީރާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އެގޮތުން އޮމާންގެ ވަފުދުގެ އިސްވެރިޔާ، ޚާރިޖީވަޒީރު ސައްޔިދު ބިން ޙަމަދް ބިން ހަމޫދް އަލްބުސައިދީއާ ބައްދަލުކުރައްވައި އެމަނިކުފާނު ވަނީ ސަރުކާރުގެ ތަރައްގީގެ އެޖެންޑާ އޮމާންގެ ޚާރިޖީ ވަޒީރާ ހިއްސާކުރައްވާފައެވެ. އަދި އޮމާންގެ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އެޤައުމުގެ ސަރުކާރަށް ޝުކުރު ވެސް އަދާކުރެއްވިއެވެ.

އޭގެ އިތުރުން އެބަައްދަލުވުމުގައި ރައީސް ވަނީ ބަޖެޓް ސަޕޯޓާއި އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމާއި ޓީޗަރުން ތަމްރީނުކުރުމާއި އިންސާނީ ވަޞީލަތް ތަރައްގީ ކުރުން ފަދަ ރާއްޖެއަށް އިތުރު އެހީތެރިކަން ބޭނުންވާ ދާއިރާތައް ވެސް ފާހަގަކުރައްވާފައެވެ.

ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރެއްވުމާއި ދެ ގައުމުގެ ސިޔާސީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެ ބޭފުޅުން ވެސް އެ ބައްދަލުވުމުގައި ވަނީ ދެއްވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން