ކޮންމެ ފަތުރުވެރިއެއްގެ ނިސްބަތުން ޑޮލަރު މާރުކުރުމުގެ ބަދަލުގައި ލިބޭ އާމްދަނީން ޑޮލަރު މާރުކުރާ ގޮތަށް ހެދުން މާރަނގަޅު ކަމަށް ކުރީގެ އިކޮނިމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްއެމްއޭއިން އިއްޔެ އާންމުކުރި އާ ގަވާއިދުގައިވާ ގޮތުން ކެޓަގަރީ އޭ ގެ ގޮތުގައި ހިމެނޭ ޓޫރިސްޓް ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، އެނޫންވެސް އެފަދަ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހޭނެއެވެ.

އަދި ކެޓަގަރީ ބީގެ ގޮތުގައި ހިމެނޭ ޓޫރިސްޓް ގެސްޓްހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަންޖެހެއެވެ.

އާ ގަވައިދާ ގުޅޭ ގޮތުން ފައްޔާޒް މިއަދު އެކްސްގައި ވިދާޅުވީ އާ ގަވައިދާއެކު ޑޮލަރުގެ މައްސަަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށެވެ. ނަމަވެސް އެކަން ތަންފީޒުކުރަން ނިންމި ގޮތާމެދު ފައްޔާޒް ފާޑު ވިދާޅުވި އެވެ.

އަދި ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ހެދުމުގެ ބަދަލުގައި ބޭރު ފައިސާއިން ލިބޭ އާމްދަނީން ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ހަދަން ފައްޔާޒް ގޮވާލެއްވި އެވެ.

ފައްޔާޒް ވިދާޅުވީ އަލަށް އެކުލަވާލި އުސޫލުގެ ސަބަބުން ގެސްޓު ހައުސްތަކާއި އަދި ދަށް ފަންތީގެ ރިސޯޓްތަަކަށް އަސަރުކުރާނެ ކަމަށާއި އެއީ ތަންތަނަށް ގިނައިން ފައިސާ ވަންނަނީ ރުފިޔާއިން ކަަމަށްވާތީ ކަމަށެވެ.

އެހެންކަމުން ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ކަމާ ބެހޭ ބޭފުޅުންނާ ވާހަކަ ދައްކައިގެން މިހާރު އޮތް އުސޫލު މުރާޖައާކުރަން ފައްޔާޒް ވަނީ ގޮވާލައްވައިފަ އެވެ.

ފައްޔާޒް ވަނީ މަނިޓަރީ ޕޮލިސީއަށް އިސްލާހު ގެނެސް ސަރުކާރުން ކުރާ ބޭކާރު ހަރަދުތައް ކުޑަކުރަންވެސް ގޮވާލައްވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން