ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުالله މައުސޫމް
ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުالله މައުސޫމް
ބޭރު ފައިސާގެ ވިޔަފާރިކުރުމާ ގުޅޭގޮތުން އެމްއެމްއޭ އިން ނިންމާފައިވާ ނިންމުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުالله މައުސޫމް ވިދާޅުވެއްޖެއެވެ.

ޑރ. މައުސޫމް މިހެން ވިދާޅުވީ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ މީސް މީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އެގޮތުން ޑރ. މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 52 އަހަރު ފުރޭއިރު ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ކާމިޔާބީއަށް އިޝާރާތް ކުރަށްވަމުން ޑރ. މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކާމިޔާބީގެ ސިއްރަކީ އެދާއިރާގެ ޙިއްސާދާރުންނާއި މުވައްޒަފުންގެ މަސައްކަތާއި ސަރުކާރުތަކުން ދާއިރާގެ އިސްފަރާތްތަކުގެ ލަފާ ހޯދައިގެން ގަވައިދުތަކާއި ސިޔާސަތުތައް އެކުލަވާލުމުގެ ނަތީޖާ ކަމަށެވެ.

ނަމަވެސް ސަރުކާރުން ޕްރައިވެޓް ސެކްޓާގެ ޚިޔާލާއި ކަންބޮޑުވުންތަކަށް ސަމާލުކަންނުދީ ހަރުކަށި ގަވައިދެއް އެކުލަވާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މައުސޫމް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށްވެސް މައުސޫމް ވަނީ ވިދާޅުވެފައެވެ.

ޑރ. މައުސޫމް މިހެން ވިދާޅުވެފައިވާއިރު އެމްއެމްއޭ އިން އިއުލާނުކުރި ބޭރު ފައިސާގެ އުސޫލު އޮތީ ދިން ހިޔާލުތަކާ އެއްގޮތަކަށް ނޫން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވަނީ ހާމަކޮށްފައެވެ.



މަޓީން ބުނީ އެމްއެމްއޭގެ އެދިވަޑައިގަތުމަށް ބޭއްވި ބައްދަލުވުމުގައި ބޭރު ފައިސާއާ ބެހޭ އާ ގަވައިދުގައި ހިމަނަން އެމްއެމްއޭއިން ހުށަހެޅި ކަންކަމަކީ މަޓީއަށް އެއްބަސްވެވޭ ކަންކަމެއް ނޫން ކަމަށް ބުނެފައިވާނެ ކަމަށެވެ.

މަޓީން މިހެން ބުނި ނަމަވެސް އެމްއެމްއޭ އިން ބުނެފައިވަނީ ބޭރު ފައިސާގެ އުސޫލުތަކަށް ބަދަލުތައް ގެނައީ ޓޫރިޒަމް ދާއިރާގެ މަސްލަހަތުވެރިންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން