ފަލަސްތީނުގެ ޣައްޒާގެ ހޮސްޕިޓަލުތައް ސުންނާފަތިކުރި ގޮތަށް ލުބްނާނުގެ ހޮސްޕިޓަލުތަކަށް ވެސް އިސްރާއިލުން ހަމަލާތައް ދޭން ފަށައިފިއެވެ.

ލުބްނާނުގެ ނަރުހުންގެ ޖަމިއްޔާއަކުން ބުނީ އިސްރާއިލުން ގަސްދުގައި ލުބްނާނުގެ ހޮސްޕިޓަލުތަކާއި ނަރުހުންނާއި ޑޮކްޓަަރުންނާއި ސިއްހީ ޚިދުމަތްތެރިންނަށް ހަމަލާތައް ދެމުންދާ ކަމަށެވެ.

އަދި ހަމަލާތަކުގައި ޒަޚަމްވާ މީހުން ސަލާމަތްކުރުމަށް ނަރުހުން އުޅެން ޖެހެނީ ފުރާނަ އަތްމައްޗަށް ލައިގެން ކަމަށާއި ބައިނަލްއަގުވާމީ އެއްވެސް ގާނޫނަކަށް އިސްރާއިލުން ބޯނުލަނބާ ކަމަށް ވެސް ބުނެފައިވެއެވެ.

އެެހެންކަމުން އދ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ވެސް އިސްރާއިލަށް ޕްރެޝަރުކުރަން ފިޔަވަޅުއަޅަން ގޮވާލިއެވެ.

އިސްރާއިލުން ލުބްނާނަށް ދެމުންދާ ހަމަލާތައް މި ފަހުން ވަރުގަދަކޮށްފައިވާ އިރު މިދިޔަ މަހު 23 ވަނަ ދުވަހުން ފެށިގެން އިސްރާއިލުން ދެމުންދާ ހަމަލާތަކުގައި ލުބްނާނުގެ 1180 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި 97 ސިއްހީ ޚިދުމަތްތެރިންވެސް ހިމެނެއެވެ.

އިސްރާއިލުން ވަނީ ލުބްނާނުގެ 10 ހޮސްޕިޓަލެއް ވެސް ހަލާކުކޮށްލައިފައެވެ.

އިސްރާއިލުން ޣައްޒާގެ ހޮސްޕިޓަލުތަކަށް ދިން ހަމަލާތަކަކީ މި ގަރުނުގައި ވެސް ބަޔަކު ދިން އެފަދަ އެންމެ ރަހުމްކުޑަ ހަމަލާތަކެވެ. އެގޮތުން ޣައްޒާގެ ހޮސްޕިޓަލުތަކުގައި ހުރި އިންކިއުބޭޓަރުތަކުގައި ތިބި ތުއްތު ކުދިން މަރުވާން ދޫކޮށްލަން މަޖުބޫރުކުރި އިރު އިސްރާއިލުން ވަނީ އެ ހޮސްޕިޓަލުތަކަށް ބޮން ވެސް އަޅައިފައެވެ.

އެހެންވެ ހަމަ އެ ވަރު ލުބްނާނަށް ވެސް ކޮށްލާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން