އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު ހަދަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ސްޓެލްކޯ އިން މިކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އިސްލާމީ މަރުކަޒުގެ މުންނާރު ދަށުގައި ހުންނަ މަސްފެންގަނޑު މަރާމާތު ކުރަން އިސްލާމިކް މިނިސްޓްރީންވެސް މީގެ ދުވަސްކޮޅެއް ކުރިން އިއުލާން ކުރިއެވެ. ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން މިނިސްޓްރީން ވަނީ އެ އިއުލާން ބާތިލުކޮށްފައެވެ.

އިސްލާމީ ކަންތައްތާއި ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ބައްދަލުކުރައްވާއިވާއިރު މި ބައްދަލުކުރެއްވުމުގައި ސްޓެލްކޯ އިން ވަނީ އިސްލާމީ މަރުކަޒުގެ މުންނާރުގެ ދަށުގައި ހުންނަ މަސްފެންގަނޑު މަރާމާތުކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައި ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އެމްޑީ ފަހުމީ ވިދާޅުވީ، ރާއްޖޭގެ ސަގާފީ އަދި ދީނީ ތަންތަން ހިމާޔަތްކުރުމަށް އެހީތެރިވުމުގެ ފުރުސަތުތައް ހޯދުމަކީ އެ ކުންފުންޏަށް ލިބޭ ޝަރަފެއް ކަމަށެވެ. މި މަސައްކަތް ކުރަން ސްޓެލްކޯއިން ނިންމާފައި ވަނީ ސީއެސްއާރްގެ ދަށުންނެވެ.

ފަހުވީ ވިދާޅުވީ އިސްލާމީ މަރުކަޒުގެ މުންނާރުގެ ތިރީގައިވާ ފެންގަނޑަކީ ތާރީޚީ މުހިންމު ތަނެއް ކަމަށާއި އެ ތަނަކީ ވަރަށް ހިތްގައިމު ތަނެއްގެ ގޮތުގައި ދެމިއޮތުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. މިތަން އަލުން އިއާދަކޮށް، މިތަން ތަރައްގީ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޓީމާ ގުޅިގެން މަސައްކަތް ކުރައްވާނޭ ކަމަށް ފަހުމީ ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިއުލާނުކޮށްގެން ހަދަންއުޅުނު މަސްފެންގަނޑު ހެދުމުގެ މަސައްކަތް ހުއްޓާލީ ގައުމުގެ އިގްތިސާދީ އަދި މާލީ ހާލަތު ނުހަނު ދަށްކޮށް އޮއްވާ ބޭކާރު ޚަރަދެއް ކުރަން އުޅޭ ކަމަށް ބުނެ އާއްމުންގެ ފާޑުކިޔިންތައް އަމާޒުވުމުންނެވެ. ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ސްޓެލްކޯއިން އެފަދަ ކަމެއް ކުރުމަކީ ވެސް މިދަނޑިވަޅުގައި ހަމަ ފައިސާ ބޭކާރު ކުރުން ކަމަށް އާއްމު ރައްޔިތުން ދެކުން އެކަށީގެންވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން