އަހުޒަމް އަޙްމަދު   8 އޮކްޓޯބަރު 2024 - 13:58
ދޮގާއި ޙީލާތްތެރިކަމުގެ މަތީގައި ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިނުކުރެވޭނެކަން މިހާރުގެ ސަރުކާރަށް މިހާރު އިހްސާސްވަމުންދާތަން ފެންނަ ކަމަށާއި، މިއަދު ފެންނަ މަންޒަރަކީ ސަރުކާރުގައި ތަޖުރިބާއެއް ނެތްކަމާއި އަދި ކަންކުރަންވީ ގޮތެއްވެސް ނޭނގުންކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަށް އިޝާރާތް ކުރައްވައި ޝާހިދު އެކްސްގައި މިއަދު ވިދާޅުވީ ރާއްޖެއާއި އިންޑިއާގެ ޒަމާންވީ ގުޅުން އަނެއްކާވެސް ބަދަހިވެގެންދާތަން ފެނުމަކީ އުފާކުރައްވާ ކަމަށެވެ.

ޝާހިދުގެ ޕޯސްޓުގައި ވަނީ ދިވެހި ރައްޔިތުންނާއެކު ސާބިތުކަމާއި ވަރުގަދަކޮށް ތިބި ތިބުމަށްޓަކައި އިންޑިއާއަށް ވެސް ޝުކުރުއަދާކުރައްވާފައެވެ.

އަދި ހަމައެހެންމެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން، ޝަހީދުގެ ޚާރިޖީ ވަޒީރުކަމުގައި އިންޑިއާއާ ގުޅިގެން ކުރަން އުޅުނު މުހިންމު ކަންތައްތައް ކުރިއަށްގެންދަން ނިންމުމުން ޝާހިދު ވަނީ އެކަމަށް ވެސް މަރުހަބާ ވިދާޅުފައެވެ.

މިގޮތުން އިންޑިއާގެ ރުޕޭ ކާޑު ރާއްޖެއަށް ތައާރަފުކުރުމާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، އަދި ކުޅިވަރާއި ޒުވާނުންނާ ގުޅޭ ދާއިރާގެ ފަހުމުނާމާތައް އަލުން އާކުރުމާއި، ހަނިމާދޫ ވައިގެ ބަނދަރުގެ މަޝްރޫޢު ނިންމައި ހުޅުވި ހުޅުވުން ޝާހިދު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުވުމާއި ދެކޮޅަށް މިހާރުގެ ސަރުކާރުގެ އިސް ބޭފުޅުން ކުރިން އިދިކޮޅުގައި ތިއްބެވިއިރު އަޑުއުފުލިނަމަވެސް، އެކަން ކުރުމަށް މިދަތުރުގައި އެއްބަސްވުމުން އެކަމަށްވެސް ޝާހިދު މަރުޙަބާ ވިދާޅުވިއެވެ.

އަދި އިދިކޮޅުގައި ތިބެ އުތުރު ތިލަފަޅު ޕްރޮޖެކްޓަކީ ނުރައްކަލެއްކަމަށް ބުނިނަމަވެސް މިއަދު ވެރިކަމުގައި ތިބެ، އުތުރު ތިލަފަޅަކީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަށް މުހިއްމު ޕްރޮޖެކްޓެއްކަމަށް އެބޭފުޅުން ގަބޫލުކުރެއްވުމަކީ ވެސް އުފާކުރައްވާކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީގެ ރައީސް ޝާހިދުގެ ޕޯސްޓް ނިންމަވާލެއްވީ ދިވެހިރާއްޖެއާ އެންމެ ގާތް އަވައްޓެރި، ރަޙްމަތްތެރިތެރި ޤައުމާއެކު މިހާރު ކުރިއަށްދާ ގުޅުމުގެ މިސްރާބު މިގޮތަށް ދެމިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން