މިދިޔަ މަހުގެ 28އިން ފެށިގެން މިފްކޯއަށް ކިރާފައިވާ މަހަށް ފައިސާ ދޫކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯއިން ބުނެފި އެވެ.

މިފްކޯއިން އެންމެ ފަހުން މަސްވެރިންނަށް ފައިސާ ދޫކުރީ 24 އޮގަސްޓުން މިދިޔަ ސެޕްޓެމްބަރު މަހުގެ 25ގެ ނިޔަލަށް މިފްކޯއަށް ކިރި މަހަށެވެ.

އެގޮތުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ޖުމްލަ 17.4 މިލިއަން ރުފިޔާ ދޫކުރި އެވެ.

ނަމަވެސް އޭގެ ފަހުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އަދި ދުލެއް ނުކުރެ އެވެ.

އެކަމާ ގުޅޭ ގޮތުން މިފްކޯއިން މިއަދު ބުނީ 25 ސެޕްޓެމްބަރުން ފެށިގެން ކިރުވި މަހަށް ފައިސާ ދޫނުކުރެވިގެން އުޅެނީ މަސްވެރިކަން ދަށްވެ، ކުންފުނީގެ މާލީ ހާލަތު ހުރިގޮތުން ކަމަށެވެ. އަދި ފައިސާ ދޫކުރެވޭނެ ވަކި ތާރީހެއް ދަންނަވަން ދަތި ކަމަށް ވެސް މިފްކޯއިން ބުނެފައި ވެއެވެ.

މިފްކޯއިން ބުނީ އެ މުއްދަތުގެ ތެރޭގައި ކިރި މަހުގެ ފައިސާ ހޯދުމަށް ކުރިއެކޭވެސް އެއްގޮތަށް ސަރުކާރާއެކު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

"އުންމީދަކީ ވީއެންމެ އަވަހަކަށް ފައިސާ ހަލާސްކުރުން. މިކަމުގައި އިތުރު މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާކުރާނަން." މިފްކޯއިން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން