މާލޭ މަގުމަތީގައިހުރި ސައިކަލެއްގެ މަޑިދަށުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މީހާ އެއިން ނެގީ ވިއްސާރަ ކޯޓެއް އެކަނި ކަމަށް ބުނި ނަމަވެސް އެކަން ގަބޫލުކުރަން ދަތި ކަމަށް ފުލުހުން ބުނެފި އެވެ.

އުމުރުން 45 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަހަންގިރު އާލަމް މިދިޔަ މަހުގެ 11 ވަނަ ދުވަހު ހައްޔަރުކުރީ 442750 ރުފިޔާ ސައިކަލެއްގެ މަޑި ދަށުން ނަގައިގެން ނެވެ.

އޭނާ އާއި ދެކޮޅަށް ހެކީގެ ގޮތުގައި ސީސީޓީވީ ފުޓޭޖު ވެސް ފުލުހުން ހުށަހަޅާފައިވާ އިރު އެކި ފަހަރުމަތިން އޭނާގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.

އެ މައްސަލައިގައި ޖަހަންގިރު ބުނަމުންދަނީ އޭނާ މަޑި ދަށުން ނެގީ ވިއްސާރަ ކޯޓެއް ކަމަށެވެ.

އެހެން ނަމަވެސް ޝަރީއަތަށް ހުށަހަޅާފައިވާ ވީޑިއޯޢަށް ބެލުމުން ވިއްސާރަކޯޓަކަށް ވުރެ އިތުރު އެއްޗެއް ޖަހަންގިރު ނަގާފައިވާކަން ވީޑިއޯއިން އެނގޭ ކަމަށް ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނެފައި ވެއެވެ.

އަދި އޭނާ އެ ނެގި އެއްޗެއް ނެގީ ޝައްކުކުރެވޭ ގޮތަަކަށް ކަމަށް ވެސް ބުނެފައި ވެއެވެ.

އެ މައްސަލައިގައި އިއްޔެ އޭނާގެ ބަންދަށް ވަނީ އިތުރު 10 ދުވަސްވެސް ޖަހައިދީފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން