ޓޫރިޒަމް ދާއިރާގެ ޓެކްސްތައް ބޮޑުކުރަން އެމްޑީޕީގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ތާއިދު ކުރައްވައިފި އެވެ.

ޓޫރިޒަމް ދާއިރާއިން ނަގާ ޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކުރީ މިދިޔަ އަހަރު އެވެ. އަދި މި ސަރުކާރުން ވަނީ އެ ޓެކްސް 17 ޕަސެންޓަށް ބޮޑުކުރަން ނިންމައިފަ އެވެ. އޭގެ އިތުރުން ގްރީން ޓެކްސްވެސް މިހާރު ނަގަމުންދާ ހަ ޑޮލަރުގެ ބަދަލުގައި 12 ޑޮލަރު ނަގަން ވަނީ ނިންމައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން އެ ނިންމުމާ ދެކޮޅުކަން ހާމަކުރެއްވި ނަމަވެސް މައުރޫފް ވާހަކަ ދެއްކެވީ އެ ނިންމުމާ އެއްކޮޅަށެވެ.

މައުރޫފް މިއަދު ވިދާޅުވީ މީގެ ކުރިން ޑޮލަރު މާރުކުރުމާ ގުޅޭ ގޮތުން ނިންމި ނިންމުމާ ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ފަދަ ޖަމިއްޔާތަކުުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް ޓެކްސް ބޮޑުކުރަން ނިންމީ އިންޑަސްޓްރީގެ ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށް ފަހުކަން ޔަގީންވެފައިވާ ކަމަށެވެ.

އަދި އެ ބަދަލު ގެނައީ އިންޑަސްޓްރީގެ ރުހުމާއެކުގައިކަން ވެސް މައުރޫފް ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން ޓޫރިޒަމް އިންޑަސްޓްރީގެ ރުހުމުގައި ގެންނަ ބަދަލާމެދު ދައްކާނެ ވާހަކައެއް ނެތް ކަމަށް މައުރޫފް ވިދާޅުވި އެވެ. އަދި އެކަމުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުން ފާޑުކިޔާނެ ތަނެއް ނެތް ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ އޭނާއަކީ ވެސް ކޮންމެ ވެސް ވަރަކަށް ގެސްޓްހައުސް ހިންގަވާ ބޭފުޅެއް ކަމަށާއި ކުއްލިއަކަށް ތިން ޑޮލަރު ހަ ޑޮލަރަށް ބަދަލުކޮށްލުމުން 100 ޕަސަންޓުގެ ބޮޑު ބަދަލެއް ގެނައުމުން ކޮންމެވެސް ވަރެއްގެ އުނދަގުލެއް ގެސްޓު ހައުސްއަށް ކުރިމަތިވެދާނެ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑަށް ނުވިސްނެނީ ކަންނޭނގެ ގެސްޓު ހައުސް އެސޯސިއޭޝަނުންނާއި ގެސްޓު ހައުސް ހިންގާ ފަރާތްތަކުން މި ބިލުތަކަށް މަރުހަބާ ކިޔާ. ސަރުކާރުތަކުން މި ގެންނަ ބަދަލުތަކަށް އިންތިހާއަށް ޓޫރިޒަމް އިންޑަސްޓްރީގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުން އެބަ މަރުހަބާ ކިޔާ." މައުރޫފް ވިދާޅުވި އެވެ.

މައުރޫފް އިތުރަށް ވިދާޅުވީ އެ ބަދަލުތަކާއެކު ﷲގެ އިރާދަފުޅުން ރާއްޖެ އާ އުސްމިންތަކަށް ގެންގޮސް ދިވެހީން ބޭނުންވާ ތަރައްގީ މި އަންނަ އަހަރު ނިމެންވާއިރަށް ލިބޭނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން