މި މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ 16 ގެ ނިޔަލަށް ރާއްޖެއަށް 80،000 އަށްވުރެ ގިނަ ފަތުރުވެރިން އައި ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 16 ގެ ނިޔަލަށް ރާއްޖެއަށް އައިސްފައި ވަނީ 81،964 ފަތުރުވެރިންނެވެ. އަދި މިދިޔަ އަހަރު އެ މުއްދަތުގައި އައިސްފައި ވަނީ 76،172 ފަތުރުވެރިންނެވެ.

ވުޒާރާއިން ހާމަކުރާ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 1573،991 އަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 9.5 އިންސައްތައިގެ ކުރިއެރުމެކެވެ. އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 1.4 މިލިއަން ފަތުރުވެރިންނެވެ.

އެންމެ ގިނައިން ރާއްޖެ އަށް މިހާރު ފަތުރުވެރިން އަންނަ ދިހަ ގައުމަށް ބަލާ އިރު، އެއް ވަނައިގައި އޮތީ ޗައިނާ އެވެ. އެ ގައުމުން އައި ފަތުރުވެރިންގެ އަދަދު 233،332 އަށް އަރަ އެވެ. ދެވަނައިގައި ރަޝިއާ އޮތީ 172،142 ފަތުރުވެރިންނާ އެކީގަ އެވެ. އިނގިރޭސިވިލާތް ތިން ވަނައިގައި އޮތީ 132،338 ފަތުރުވެރިންނާ އެކީގަ އެވެ.

އާންމުކޮށް ރާއްޖޭގައި މިހާރު ފަތުރުވެރިން ހަފްތާއެއްގެ މުއްދަތަށް މަޑުކުރާއިރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރަނީ 5،557 ފަތުރުވެރިންނެވެ.

ރާއްޖޭގެ މި އަހަރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން