ރާއްޖޭގެ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް އަތުލައިގަތް ބޯޓެއް
ރާއްޖޭގެ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް އަތުލައިގަތް ބޯޓެއް
ރާއްޖޭ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރި “ޕުޝްޕާ ކުމަރަ” ބޯޓު ދައުލަތަށް ނެގުމަށް އަމުރުކޮށްފިއެވެ.

ސްރީލަންކާގެ މި ބޯޓު ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކޮށްފައިވާތީ އެބޯޓުގެ ވެރިފަރާތް ކަމަށްވާ ތަމަންތާ ރުކުމަލް ޕެރޭރާ ހަތަރުލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ފިޝަރީޒް މިނިސްޓްރީން މީގެ ކުރިން ވަނީ ނިންމާފައެވެ.

ނަމަވެސް މިނިސްޓްރީގެ އެންގުމާ އެއްގޮތަށް ޖޫރިމަނާ ފައިސާ އޭނާ ދައްކާފައި ނުވާތީ އެމައްސަލަ ފިޝަރީޒް މިނިސްޓްރީން ވަނީ ސިވިލް ކޯޓަށް ހުށައަޅާފައެވެ.

އެމައްސަލާގައި ސިވިލްކޯޓުން މިދިޔަ ބުދަ ދުވަހު ހުކުމްކޮށްފައިވަނީ ޕެރޭރާގެ މައްޗަށް ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ ޖޫރިމަނާއަކީ ސާބިތު ދަރަންޏެއް ކަމަށް ކަނޑައަޅާ ކަމަށާއި، ޖޫރިމަނާ ފައިސާ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 30 ދުވަސް ތެރޭގައި ދައްކަން އަންގާ ކަމަށެވެ.

އޭގެ އިތުރުން "ޕުޝްޕާ ކުމަރަ" ބޯޓު ދައުލަތަށް ނެގުމަށްވެސް ސިވިލްކޯޓުން އަމުރުކޮށްފައިވެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަގަށް މަސްވެރިކަން ކުރަނިކޮށް މިފަދަ ބޯޓުފަހަރު އަތުލައިގަތުމަކީ އާންމުކަމެކެވެ. އެގޮތުން މިދިޔަ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަސްތެރޭގައި ވެސް ވަނީ ލަންކާގެ 5 ބޯޓެއް އަތުލައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން