ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ރަސްމީ ދަތުރުފުޅެއްގައި ސަމޯއާއަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ އެމަނިކުފާނު ސަމޯއާއަށް ފުރާވަޑައިގެންނެވީ މިއަހަރުގެ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކަމަށެވެ.

ނާއިބު ރައީސްއާއެކު ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

އެ ދަތުރުފުޅުގައި ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ގިނަ ދަންފަޅިތަކުގައި ބައިވެރިވެވަޑައިގެން، މުހިންމު ބަޔާންތައް އިއްވެވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަކީ، ބައިނަލްއަގުވާމީ ފެންވަރެއްގައި އިގުތިސާދީ، މޫސުމީ އަދި ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެކުގައި މަސައްކަތްކޮށް، ވިލުންތެރިކަމާއި، ވިޔަފާރި ކުރިއެރުވުމާއި ދެމެހެއްޓެނިވި ކުރިމަގެއް ބިނާކުރަން މަޝްވަރާކޮށް ގޮތް ނިންމުމަށް، މެންބަރު ގައުމަކަށް ލިބޭ މުހިންމު މަންސައެކެވެ.

އަދި މި އަހަރުގެ ބައްދަލުވުން ވެގެންދާނީ، އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ 29 ވަނަ މަހާސިންތާ (ކޮޕް 29) ގެ ކުރިން، ދެމެހެއްޓެނިވި ތަރައްގީ އާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި ފިޔަވަޅުތަކާމެދު މަޝްވަރާކުރުމަށް މެންބަރު ގައުމުތަކަށް ލިބޭ މުހިންމު ފުރުސަތަކަށް ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

މި އަހަރުގެ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން އޮންނާނީ މި ހިނގާ އޮކްޓޫބަރު 21 އިން 26 އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން